އާރާއި ބާރުގެ ގޮތުން ތިމަންނަމެންނަކީ އެހައި ލަޔާޤަތެއް ނެތް ބައެއް ނަމަ، ދީނާއި ޤައުމުގެ މަޞްލަޙަތު ފާރުސަލަކަށް ލާފައި، ދީނާ ފުށުއަރާ ފިކުރަކަށް ހަދީޔާއެއްގެ ގޮތުގައި ދިނުމަކީ ކަނޑައެޅިގެން ހެދޭނެ ގޯހެކެވެ. އެއީ އެބައިމީހުންނާ ކިތަންމެ އެއްބަސްވުމެއް ހެދިގެން ކުރެވޭ ކަމަކަށް ވިޔަސް، އާރާއި ބާރު ނެތް ނަމަ، އެއީ ފުންމާލެވޭ އަނދަވަޅަކަށް ނޫނީ ނުވާނެއެވެ. ޚާއްޞަކޮށް، އެބަޔަކީ، ޣަދަރުވެރިކަން އެބައެއްގެ މާޒީން ފެނިފައިވާ ބައެއް ނަމަ، އަދި މާބޮޑު އެކަމަށް ހުށިޔާރުވެ، ރައްކާތެރިވާން ޖެހޭނެއެވެ.
ސަބަބަކީ، އެފަދަ ބަޔަކަށް އާރާއި ބާރު ލިބި، ޤައުމުގެ ޤިޔާދަތު ލިބުމުން، ވެރިކަން ހިންގާލާނީ އެބައެއްގެ ފިކުރުގެ މައްޗަށެވެ. އެއިގައި އެހެން ބައެއްގެ ފިކުރެއް، ސިޔާސަތެއް އެބަޔަކަށް މުހިންމެއް ނުވާނެއެވެ. އަދި އެކަމާ ދެކޮޅު ހަދައިފިނަމަ، ދެން ތިބި ބަޔަކަށް ލިބިގެން ދާނީ އިންޒާރެކެވެ. އެއްގޮތަކީ، ކަލޭމެން އަހަރެމެންގެ ސިޔާސަތަށް ތަބާވާށެވެ. ނޫނީ، ސުކޫތުގައި ތިބޭށެވެ. ނޫނީ، ނުކުމެގެން ދާށެވެ.
ބައެއް މީހުން ބުނެފާނެއެވެ. މާތް ނަބިއްޔާ صلى الله عليه وسلم ވެސް ޤުރައިޝުންނާ އެއްބަސްވުންތަކެއް ވެލެއްވެވި ނޫން ހެއްޔެވެ؟ އަދި ހަމަ އެކަލޭގެފާނުގެ އަރިހުގައި މުނާފިޤުންވެސް ތިބި ނޫން ހެއްޔެވެ؟
ރަނގަޅު ވާހަކައެކެވެ. ނަމަވެސް، ޙާލަތު ވަޒަން ކުރައްވާށެވެ. މާތް ނަބިއްޔާ صلى الله عليه وسلم އަކީ އިސްލާމީ ޤާއިދެވެ. އިސްލާމީ އުއްމަތުގެ ވެރިޔާއެވެ. މަދީނާ އަކީ އިސްލާމްދީނުގެ ދައުލެތެވެ. އެކަލޭގެފާނުގެ އަތްފުޅުގައި އާރާއި ބާރު އޮތެވެ. ނަމަވެސް ޤުރައިޝުންނަށް ގިލަންވެރިކަން ފިލުވާލުމުގެ އެއްބަސްވުމެއް ހަދައި، މަދީނާގެ އާރާއި ބާރު ދެއްވެވި ހެއްޔެވެ؟ މަދީނާ ވެރިކަން އެބައިމީހުންނާ ހަވާލު ކުރެއްވެވި ހެއްޔެވެ؟
ދެން އޮތީ، މުނާފިޤުންނެވެ. މުނާފިޤުންގެ ތެރެއިން އެއްވެސް މީހަކަށް އެއްވެސް މަތީ މަޤާމެއް ދެއްވި ހެއްޔެވެ؟ ގިލަންވެރިކަން ނައްތައިލުމުގެ އެއްބަސްވުމެއްގެ ދަށުން، އެބައިމީހުންނަށް މުސްލިމުންގެ ކަންކަމުގެ އާރާއި ބާރާއި ފަހު ބަސް ބުނުމުގެ ނުފޫޒު ދެއްވެވި ހެއްޔެވެ؟
ދީނާއި ޤައުމުގެ މަޞްލަޙަތު ނުރައްކަލެއްގެ ތެރެއަށް ވައްޓައިލެވޭ ހިނދު، ތިމަންނަމެންގެ އާރާއި ބާރަކީ ކޮބައިކަން ވަޒަން ކުރަން އެބަޖެހެއެވެ. އެއީ، ގިލަންވެރިކަން ނައްތައިލުމަށް ބަޔަކަށް ދެވޭ ހަދިޔާއަކަށް ވެގެން ނުވާނެއެވެ. އެއީ، އަވާމެންދުރަކަށް ތަބާވެގެން ކުރުން ހެޔޮ ވާވަރުގެ ފަދަ ކަމެއް ނޫނެވެ.
- ޝައިޚް ޝަފީޢު ޢަބްދުﷲ