ދިވެހިރާއްޖެއިން ހިމަބިހި (މީސްލްސް) ފެނުމާއިގުޅިގެން އިތުރަށް މިބަލި ފެތުރުނަ ނުދިނުމަށް ސަރުކާރުން ކުރަމުންއަންނަ މަސައްކަތްތަކުގެތެރެއިން، މިހާރު ފަށާފައިވާ ސަޕްލިމެންޓަރީ ވެކްސިން ދިނުމުގެ ޕްރޮގްރާމަށް ބޭނުންވާ ވެކްސިންއާއި ކޮންސިއުމަބަލްސް ހޯދުމުގައި ޔުނިސެފުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
މިކަން ފާހަގަކުރުމުގެ ގޮތުން ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޔުނިސެފްއިން ވަރަށް އަވަސް މުއްދަތެއްގައި ފޯރުކޮށްދިން އެހީތެރިކަން ފާހަގަކުރައްވާ ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވަނީ ޔުނިސެފަށް ޝުކުރުއަދާކުރައްވާފައެވެ. ޔުނިސެފްގެ ފަރާތުން ރާއްޖޭގެ ވެކްސިން ޕްރޮގްރާމަށް ލިބެމުންދާ ފަންނީ އެހީތެރިކަން ފާހަގަކޮށް ޔުނިސެފްއަށް ޝުކުރުއަދާކުރެއްވިއެވެ. މި ރަސްމިއްޔާތުގައި ޔުނިސެފްގެ ފަރާތުން ލިބިގެންދިޔަ އެހީތެރިކަން ފާހަގަކޮށް ހާއްސަ ހަނދާނީ ލިޔުމެއް މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ޔުނިސެފް އަށް ވަނީ ދީފައެވެ.
ޔުނިސެފްގެ އެހީގައި ހޯދާފައިވާ ވެކްސިންއާއެކު ދަތިކަމެއް ނެތި ފަންނީ ލަފާގެމަތިން އިސްކަންދެވޭ ފަރާތްތަކަށް ވެކްސިން ދިނުމާއި މިހާރު ކުރިއަށް ގެންދާ ސަޕްލިމެންޓަރީ ވެކްސިން ދިނުމުގެ ކަންކަން ކުރިއަށްގެންދެވޭނެއެވެ. ދިވެހިރާއްޖެއިން ހިމަބިހި ފެނުމާއިގުޅިގެން މިހާރު ކުރިއަށްގެންދެވޭ މަސައްކަތްތަކުގެތެރޭގައި، ހިމަބިއްސަށް ޕޮޒިޓިވް ވި ފަރާތްތަކުގެ ފަރާތުން ބަލި އަރާފާނެ ފަރާތްތައް ދެނެގަނެ، މަޢުލޫމާތު ދިނުމާއި، ވެކްސިން ފުރިހަމަ ނުވާފަރާތްތަކަށް ވެކްސިން ދިނުމާއި 18 އަހަރުން ދަށުގެ ކުދިންގެ ތެރެއިން މާލެއާއި އަތޮޅުތެރޭގައި މީސްލްސް ވެކްސިން ޑޯޒްތައް ހަމަނުވާކުދިންނަށް ވެކްސިން ދީ ހަމަކުރުމާއި، ޢުމުރުން 6 މަހާއި 18 މަހާއި ދެމެދުގެ ތުއްތުކުދިންނަށް އެމް.އާރު ވެކްސިންގެ އިތުރު ޑޯޒްއެއް ދިނުމާއި ވެކްސިންދިނުމުގެ މުހިންމުކަމާގުޅޭ މަޢުލޫމާތުދިނުމުގެ ކޮމިއުނިކޭޝަން ކެމްޕޭނެއް މި މަސްތެރޭގައި ފެށުމާއި އަދި މުޅި އާބާދީއަށް އަމާޒްކޮށް (ބިދޭސީން ހިމެނޭގޮތަށް) އެމް.އާރު ވެކްސިން ދިނުމުގެ ކެމްޕޭނެއް ހިންގުން ހިމެނެއެވެ.