ދިވެހިރާއްޖޭގެ ފުރަތަމަ ބައިއެނިއަލް އަޕްޑޭޓް ރިޕޯޓު މިއަދު އިފްތިތާހުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 2މ 7ސ
ދިވެހިރާއްޖޭގެ ފުރަތަމަ ބައިއެނިއަލް އަޕްޑޭޓް ރިޕޯޓު މިއަދު އިފްތިތާހުކޮށްފި

ދިވެހިރާއްޖޭގެ ފުރަތަމަ ބައިއެނިއަލް އަޕްޑޭޓް ރިޕޯޓު މިއަދު އިފްތިތާހުކޮށްފިއެވެ. 

މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ހުސެއިން ރަޝީދު ހަސަން އިފްތިތާހްކޮށްދެއްވި މި ރިޕޯޓަކީ، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ މޫސުމަށް އަންނަ ބަދަލުތަކާއި ބެހޭ މުއާހަދާ، ޔުނައިޓަށް ނޭޝަންސް ފްރޭމްވާރކް ކޮންވެންޝަން އޮން ކްލައިމަޓް ޗޭންޖް (ޔޫ.އެން.އެފް.ސީ.ސީ) ގެ ދަށުން ކޮންމެ ދެ އަހަރަކުން އެއް އަހަރު ހުށައަޅަންޖެހޭ ރިޕޯޓެކެވެ. 

މިއީ މިގޮތުން ދިވެހިރާއްޖެއިން ހުށައަޅާ ފުރަތަމަ ރިޕޯޓެވެ. މި ރިޕޯޓުގައި ރާއްޖެއިން ޖައްވަށް ދޫކުރެވޭ ވިހަ ގޭހުގެ މިންވަރާއި އެ މިންވަރު މަދުކުރުމަށްޓަކައި ކުރެވޭ މަސައްކަތްތަކުގެ މައްޗަށް ވަނީ ވަރަށް ރަނގަޅަށް ބަލާލެވިފައެވެ. އަދި  މޫސުމަށް އަންނަ ބަދަލުތަކުން ކުރާ އަސަރު ކުޑަކުރުމަށްޓަކައި ހިންގާފައިވާ ޕްރޮޖެކްޓުތަކާއި، މިކަމަށް ހިނގި ޚަރަދާއި އަދި މިފަދަ މަސައްކަތްތައް ހިންގުމަށްޓަކައި ހުރި ދަތިތަކާއި ގޮންޖެހުންތަކަށްވެސް ވަނީ މި ރިޕޯޓުގައި އަލިއަޅުވާލެވިފައެވެ. 

މި ރިޕޯޓު އިފްތިތާޙްކުރުމުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވީ ތެލަށް ކުރެވޭ ޚަރަދު ކުޑަކޮށް، ޖައްވަށް ބޭރުކުރެވޭ ގްރީންހައުސް ގޭސް މަދުކުރުމަށް އެހީތެރިވެދިނުމަށް، ރައްޖޭގައި މިހާތަނަށް 21 މެގަވޮޓުގެ ސޯލާ ވަނީ ހަރުކުރެވިފައިކަމަށާއި އަދި ކުރިއަށް ރޭވިފައި ހުރި މަޝްރޫއުތަކުން، އިތުރަށް ގްރީންހައުސް ގޭސްގެ މިންވަރު ދައްކުރުމަށް އެހީތެރިވެދޭނެކަމަށެވެ. މިނިސްޓަރ އިތުރަށް ވިދާޅުވީ ޑީސެލް ނޫން ގޮތެއް ހޯދަންޖެހިފައިވާކަމަށާއި އަމާޒު ހިފައިގެން ކުރިއަށްދަނީ އެ ދިމާލަށްކަމަށެވެ. 

މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް ޑރ. ޢަބްދުﷲ ނަސީރު ވިދާޅުވީ ފާއިތުވި އަހަރުތަކުގެ ތެރޭގައި ރާއްޖެ ވަރަށް ބޮޑަށް ކުރިއަރާ ތަރައްޤީގެ ގިނަ ލަނޑުދަނޑިތަކެއް ވަނީ ހާސިލުކޮށްފައި ކަމަށާއި ހާލަތުވަނީ މުޅިންހެން ބަދަލުވެފައިކަމަށެވެ. އަދި އެއާއިއެކު މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ދިމާވާ މައްސަލަތަކުގެ އަސަރު އަޅުގަނޑުމެން އިޙްސާސްކުރާ މިންވަރުވެސް ވަނީ އިތުރުވެފައިކަމަށާއި އަދި މި މައްސަލަތައް ހައްލުކުރުމަށް ކުރެވޭ މަސައްކަތްތައްވެސް ވަނީ އިންތިހާއަށް އިތުރުކުރަން މަޖުބޫރުވެފައިކަމަށްވެސް ޑރ. ނަސީރު ވިދާޅުވިއެވެ. 

މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުގެ އިސް ބޭފުޅުންގެ އިތުރުން ކަމާގުޅުންހުރި މުއައްސަސާތަކުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

 

 

މިއަދު އޮންލައިން