"ތުންޖީނާ ޞަލަވާތަކީ ސުންނަތުން ސާބިތުވާ އެއްޗެއް ނޫނެވެ! މިކަމުގައި އެއީ ބިދުޢައެއް ކަމަށް ޑރ. އިޔާޟް އިއްޔެ ވިދާޅުވެފައިވާ ބަސްފުޅު ރަނގަޅެވެ. ޞައްޙަ ސުންނަތަށް އެންމެން ވެސް ތަބަޢަވުން މުހިންމެވެ. ޒިޔާރަތަށް ނަދުރު ބުނުމާއި މަސްވެރިކަމަށް ކިޔެވުމާއި ފާލުބެލުން ފަދަ ކަންކަން ކުރުމަކީ ކުރީގެ ބޯދާ ކަންކަމެވެ. ހެޔޮގޮތް އެނގުމުން އެ ގޮތުގައި ހިއްޕަވާށެވެ!"
- ޝައިޚް ޢަލީ ޒައިދު
އެއްވެސް ޒިޔާރަތަކީ އެއްވެސް މީހަކަށް އެއްވެސް ކަމެއް ކޮށްދެވޭނެ ތަނެއް ނޫނެވެ! ކޮންމެ ކަމެއް ވެސް ހިންމަވައި ދެއްވޭނީ ﷲ ތަޢާލާއަށެވެ! ނަދުރުބުނެގެންވެސް ނުބުނެވެސް ﷲ ތަޢާލާއަށް އަޅުކަން ކުރުން ގިނަކުރާށެވެ!
މަސްވެރިކަމަށް ކިޔެވުމެއް ނެތެވެ! އޮތީ މަސްވެރިންނާއި އޮޑިވެރިންވެސް ފަރުޟު އަދާކުރުމެވެ. ވީހައި ގިނައިން އަޅުކަން ކުރުމެވެ. ފާފަ ނުކުރުމެވެ! ރިޒްޤް ދެއްވަވަނީ ﷲ ތަޢާލާއެވެ!
ފާލަބެލުމަކީ ބޮޑު ފާފައެކެވެ! އެމީހާގެ ނަމާދު 40 ދުވަސްވަންދެން ޤަބޫލުފުޅު ނުކުރައްވަވާ ނުބައި ޢަމަލެކެވެ. ﷲ ތަޢާލާއަށް ވަކީލުކޮށް ހެޔޮ ދުޢާކުރުން ގިނަކުރާށެވެ!
ކިޔަންވީ ސުންނަތުން ސާބިތުވާ ޞަލަވާތެވެ! ކޮންމެ ނަމާދެއްގެ ފަހު އައްތަހިއްޔާތުގައި މިކިޔަވާ ޞަލަވާތް ކިޔަވާށެވެ! ހުކުރު ޚުޠުބާގައި އެގެންދަނީ ކޮންމެ ދުވަހަކު ހަނދާންކޮށްދެމުންނެވެ. މީހުން އަމިއްލައަށް އުފައްދާ ތަކެތި ކިޔެވުމަކުން ކުރާނެ ފައިދާއެއް ނެތެވެ! އަދި އެކަން ވާނީވެސް ބިދުޢައަކަށެވެ!