ތިމާ ހެދި ސިހުރު ތިމާ ފަހަތުން އަންނަކަން އެނގޭ ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 59ސ
ތިމާ ހެދި ސިހުރު ތިމާ ފަހަތުން އަންނަކަން އެނގޭ ހެއްޔެވެ؟

ސިހުރު ވަރަށް ގިނަ ގޮތްގޮތަށް މާނަކުރެއެވެ. އަދި ސިހުރުގެ ބާވަތްތައްވެސް ވަރަށް ގިނައެވެ. ސިހުރުގެ ތެރެއިން އެއްވައްތަރަކީ ވަރަށް ގިނަ ބައަކު ވަރަށް ބޮޑަށް އިހްމާލުވަމުން އަންނަ ވައްތަރެވެ. އެއީ ތިމާ ކުރާ އަމަލެއްގެ ސަބަބުން ތިމާގެ ފަހަތުން އަންނަ ސިހުރެވެ! ސިހުރު ޖެހޭ މީހުންގެ ތެރެއިން އެންމެ ގިނަ ބައަކަށް މިހާރު ޖެހެމުން އަންނަނީ މިބާވަތުގެ ސިހުރު ކަމަށް ބެލެވެއެވެ.  

މުޞީބާތެއް ނުވަތަ ހިތްދަތިކަމެއް ކުރިމަތިވުމުން އެއީ މީހަކު ހެދި ސިހުރަކުން ނުވަތަ އެސްފީނާ އަކުން ކަމަށް ގިނަ ބައަކު ނިންމައެވެ. ނަމަވެސް އެއީ އެހައި ފަސޭހައިން ނިންމެން އޮންނަ ނިންމުމެއް ނޫނެވެ! ވީމާ އެގޮތަށް އެހައި ފަސޭހައިން ނުނިންމާށެވެ! 

މުޞީބާތެއް ނުވަތަ ހިތްދަތިކަމެއް ލިބުމުން އެހެން މީހަކަށް އިނގިލި ދިއްކުރުމުގެ ކުރިން އަމިއްލަ ނަފްސާއި ދިމާއަށް އިނގިލި ދިއްކުރާށެވެ. އަދި ވަރަށް ފަރުވާތެރިކަމާއިއެކު ވިސްނައިލާށެވެ! ތިމާއަށް އެހެން މީހަކަށް މުޞީބާތެއް ޖައްސުވައި ހިތްދަތިކަމެއް ކުރިމަތިކުރުވވެވިފައިވޭތޯއެވެ!   

އެހެނީ ތިބާއަށް ކުރިމަތިވި މައްސަލައަކީ ތިބާ މީހަކަށް ދިން ހިތްދަތިކަމެއް ނުވަތަ ކުރި އަނިޔާއެއްގެ ސަބަބުން މެދުވެރިވި ޙާލަތެއް ކަމަށްވުން ވަރަށް ކައިރިއެވެ. އެކަމުގައި ގެއްލުން ނުވަތަ އަނިޔާ ލިބުނު މީހާ ކުރާ ދުޢާ ތިބާ އާއި ދިމާއަށް އަންނާނީ ކޮން ސިފައެއްގައިކަން ޚިޔާލަށްވެސް ނުގެނެވޭނެއެވެ.

އޭނާއަށް ގެއްލުން ނުވަތަ އަނިޔާ ލިބުނީ ކާކުގެ ސަބަބުންކަން އޭނާއަށް ކޮންމެހެން އެނގޭކަށްވެސް ނުޖެހެއެވެ. އެކަން ﷲ ތަޢާލާ ހަމަ އެންމެ މޮޅަށް ދެނެވޮޑިގެންވެއެވެ. ވީމާ ޢުޤޫބާތް ޙައްޤުވާ މީހާއަށް ޢުޤޫބާތް ދެއްވެވުމަކީ ﷲ ތަޢާލާގެ ޙަޟްރަތަށް އެއްވެސް ހުރަހެއް އޮތް ކަމެއް ނޫނެވެ.  

ކުށްކުރި މީހާ ހޯދަން ތަޙްޤީޤްކުރަން ޖެހެނީ އިންސާނުންނަށެވެ. ވީމާ ފިލޭނީ ފުލުހުންނަށާއި ފަނޑިޔާރުންނަށެވެ! ތިބާ ކުރި ޢަމަލުތައް ތިބާއަށްވުރެވެސް މާމޮޅަށް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ވީމާ އެއްވެސް މީހަކަށް އެއްވެސް އަނިޔާއެއް، ގެއްލުމެއް ނުދޭށެވެ! ދުނިޔޭގައި ފިލައި ފޮރުވިގެން ހުރުމަށް މުޙުލަތެއް ދެއްވަވަނީވެސް ކުރެވުނު ކުށަށް އަނިޔާލިބުނު މީހާގެ ކިބައިން މާފަށް އެދުމަށާއި އތައުބާވުމަށް ފުރުޞަތު ދެއްވެވުމަށެވެ!  

ބައެއް މީހުންނަށް ޑޮކްޓަރުންގެ ބޭހުންވެސް އެހެން ގޮތް ގޮތުންވެސް ޝިފާ ނުލިބެނީ ވެސް އަދި ކުރިމަތިވާ މައްސަލަތައް ޙައްލު ނުކުރެވޭ ސަބަބަކީވެސް އެހެން މީހަކަށް އަނިޔާއެއް ކޮށްފައިވުން ކަމަށް ވެދާނެއެވެ! މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން