އިއްޔެގެ ނިޔަލަށް ކޮރޯނާ ވައިރަސް ޖެހުނު 600 އަށްވުރެ ގިނަ މީހުން ޗައިނާގެ ހޮސްޕިޓަލުތަކުން ފަރުވާދީ ރަނގަޅު ކޮށްފިއެވެ.
ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން ނެރެފައިވާ ހިސާބުތަކަށް ބަލާއިރު މިބަލި ޖެހުނު މީހުންގެ ތެރެއިން، އެޤައުމުގެ ހޮސްޕިޓަލުތަކުން އިއްޔެގެ ނިޔަލަށް 632 މީހަކަށް ފަރުވާދީ ވަނީ ރަނގަޅު ކޮށްފައެވެ.
އެކޮމިޝަނުން ބުނެފައިވާ ގޮތުގައި ކޮރޯނާ ވައިރަސް ޖެހިފައިވާ މީހުން އެހޮސްޕިޓަލުތަކުން ދޫކޮށްލަނި، އެބަލީގެ އަލާމާތްތައް އިތުރަށް ފެންނަން ނެތުމުންނާއި، ބަލިޖެހިފައިވާ މީހުންގެ ފިނިހޫނުމިން ތިން ދުވަސް ވަންދެން އާދައިގެ ވަރަކަށް ހުރުމުންނާއި، އެމީހުން ރަނގަޅު ވެއްޖެތޯ ބެލުމަށް ޚާއްސަ ޓެސްޓެއް ހެދުމަށްފަހު އެ ދެ ފަހަރުވެސް ނަތީޖާ ނެގަޓީވް ކަމަށް ދެއްކުމުންނެވެ.
ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ އަދަދުތަކަށް ބަލާއިރު އިއްޔެގެ ނިޔަލަށް މިބަލި ޖެހިފައިވާ މީހުންގެ އަދަދު މިހާރުވަނީ 19،000 އަށްވުރެ މައްޗަށް އަރާފައެވެ. އަދި 426 މީހުން މިބަލީގައި މަރުވެފައިވާ ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ. ކޮރޯނާ ވައިރަސް ހުރިކަމަށް ޝައްކު ކުރެވޭ 23،214 މީހަކު އިއްޔެގެ ނިޔަލަށް ފެނިފައިވާ ކަމަށް ވެސް މައުލޫމަތު ލިބެއެވެ.
މި ބަލީގައި އެންމެ ގިނައިން މީހުން މަރުވެފައިވަނީ ޗައިނާގެ ހުބެއި ޕްރޮވިންސުންނެވެ. އެގޮތުން އެ ޕްރޮވިންސުން ވަނީ މި ބަލީގައި 414 މީހަކު މަރުވެފައެވެ.
ކޮންމެެ ދުވަހަކު ކަހަލަ ގޮތަކަށް މި ބަލީގައި މަރުވާ މީހުންނާއި އަދި މި ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާއިރު މިދިޔަ ބުރާސްފަތި ދުވަހު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ވަނީ ވައިރަހާ ގުޅިގެން މުޅި ދުނިޔެއަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ.