އިންޑިއާގަ ކަރަންޓީނު ކޮށްފަތިބި ދިވެހިންގެ ހާލު ރަނގަޅު: ސަފީރު

ކިޔުމަށް ހޭދަވާނީ 1މ 33ސ
އިންޑިއާގަ ކަރަންޓީނު ކޮށްފަތިބި ދިވެހިންގެ ހާލު ރަނގަޅު: ސަފީރު

ޗައިނާގެ ވުހާންއިން އިންޑިއާގެ ނިއުދިއްލީއަށް ގެނެސް އެޤައުމުގައި މިހާރު ކަރަންޓީންކޮށްފައިވާ ހަތް ދިވެހިންގެ ހާލު ރަނގަޅުކަމުގައި ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައިވާ ސަފީރު އާއިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ދިއްލީގައި ހުންނަވާ ސަފީރު ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ކަރަންޓީންކޮށްފައިވާ ދިވެހިންގެ ހާލަތު، ހައިކޮމިޝަނުން ވަރަށް ގާތުން ބައްލަވަމުން ގެންދަވާކަމަށާއި މިހާތަނަށް ޖުމުލަގޮތެއްގައި ހުރިހާ ދިވެހިންގެ ހާލުވެސް ރަނގަޅުކަމުގައެވެ. އަދި ކޮންމެ ދުވަހަކުވެސް އެމީހުންގެ ހާލަތު ގާތުން ބަލައި މޮނީޓަރ ކުރައްވަމުން ގެންދަވާ ކަމުގައި ވެސް އެކަމަނާ ވިދާޅުވިއެވެ.

ޗައިނާގެ ވުހާން އިން ގެނެސް ދިއްލީގެ ބޭރުގައިވާ ކަރަންޓީން ފެސިޓީއެއްގައި ކަރަންޓީން ކޮށްފައި ވަނީ ދިވެހި ފިރިހެނަކާއި، ކުޑަކުއްޖަކާއި 5 އަންހެނުންނެވެ. އެމީހުންނާއި އެކު ވުހާންއިން ގެނައި އިންޑިއާގެ 323 ރައްޔިތުންވެސް ވަނީ އެތަނުގައި ކަރަންޓީންކޮށްފައެވެ. ސާދަ ދުވަހުގެ މުއްދަތަކަށް އެމީހުން އެތަނުގައި ކަރަންޓީންކޮށްފައި ތިބޭނެއެވެ.

އެއާއިންޑިއާގެ ޚާއްސަ ފްލައިޓެއްގައި ވުހާންގައި 7 ދިވެހިންނާއި އިންޑިއާގެ 323 ރައްޔިތުން ދިއްލީއަށް ގެނެސްފައި ވަނީ، މިދިޔަ އާދީއްތަ ދުވަހުއެވެ.

ޗައިނާގެ ވޫހާން ސިޓީން އިންޑިއާގެ ދިއްލީއަށް ގެންގޮސް ކަރަންޓީންކޮށްފައިވާ ދިވެހިންނަށް އެމީހުންގެ ޢާއިލާއާ ގުޅޭނެ އިންތިޒާމު ހަމަޖައްސަވައި އެމީހުންނަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދެމުން ގެންދާނެ ކަމުގައި ޚާރިޖިއްޔާއިންވެސް ވަނީ ބުނެފައެވެ.

ޗައިނާގައި ކޮރޯނާ ވައިރަސް އެންމެ ބޮޑަށް ފެތުރުފައި ވަނީ ހުބެއި ޕްރޮވިންސްގެ ވުހާންގައެވެ. މިހާރު މުޅި ޗައިނާއަށް އެވައިރަސް ފެތުރިފައި ވާއިރު، 20 ހާހަށްވުރެ ގިނަ މީހުން އެވައިރަހަށް ޕޮޒިޓިވްވެ، މަރުވި މީހުންގެ އަދަދުވެސް 400 އަށްވުރެ ވަނީ މަތިވެފައެވެ.

މިއަދު އޮންލައިން