ރައްޔިތުން ދެއްކި މިސްރާބަށް، ދައުލަތް ހިންގުމުގައި އެންމެ މުހިންމު ބައިވެރިއަކީ ރައްޔިތުންގެ މަޖިލިސް: ރައީސް ޞާލިޙް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 2މ
ރައްޔިތުން ދެއްކި މިސްރާބަށް، ދައުލަތް ހިންގުމުގައި އެންމެ މުހިންމު ބައިވެރިއަކީ ރައްޔިތުންގެ މަޖިލިސް: ރައީސް ޞާލިޙް

ރައްޔިތުން ދެއްކި މިސްރާބަށް، ދައުލަތް ހިންގުމުގެ ނިޒާމު ސީދާކުރުމުގައި، ސަރުކާރުގެ އެންމެ މުހިންމު ބައިވެރިއަކީ، ރައްޔިތުންގެ މަޖިލިސް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. 

ރައީސް މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން ޢިއްވަވައިދެއްވަމުނެނެވެ. 

ރައީސުމްހުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ނިމިދިޔަ 2019 ވަނަ އަހަރަކީ ޑިމޮކްރަސީއަށް ފެށި ދަތުރުގެ ކާމިޔާބު އަހަރެއްކަން ފާހަގަކުރައްވަމުން ވިދާޅުވީ މިއަދު، ދިވެހި ރައްޔިތުންނަށް ކުރެވޭނެ އެންމެ އުފާވެރި އިޙްސާސަކީ، ހަމަޖެހުމާއި ޞުލްޙަވެރިކަން އަޅުގަނޑުމެންގެ ތެރެއަށް އަލުން އަނބުރާ އަންނަން ފެށުމުގެ އިޙްސާސްކަމުގައެވެ. 

ރައީސްގެ ވިދާޅުވީ ރައްޔިތުން ދެއްކި މިސްރާބަށް، ދައުލަތް ހިންގުމުގެ ނިޒާމު ސީދާކުރުމުގައި، ސަރުކާރުގެ އެންމެ މުހިންމު ބައިވެރިއަކީ، ޢިއްޒަތްތެރި މަޖިލިސް ކަމަށެވެ. އެގޮތުން މިދިޔަ އަހަރު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވި 49 ބިލުގެ ތެރެއިން، 19 ވަނަ ރައްޔިތުންގެ މަޖިލީހުން މިހާތަނަށް 27 ބިލެއް ފާސްކޮށްދެއްވާފައިވާކަން ފާހަގަކުރެއްވިއެވެ. އަދި މިއަހަރުގެ ފުރަތަމަ ދައުރުގެ ތެރޭގައި 56 ބިލެއް، މަޖިލީހަށް ފޮނުވުމަށް ސަރުކާރުން ޤަޞްދުކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އޭގެ ތެރޭގައި ހިމެނެނީ މިހާރު ޢަމަލުކުރަމުން އަންނަ ބައެއް ޤާނޫނުތައް އިޞްލާޙްކުރުމަށް ހުށަހަޅާ 32 ބިލަކާއި، މުޅީން އަލަށް އުފައްދާ ޤާނޫނުތަކާ ގުޅޭ 24 ބިލެއްކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. އެގޮތުން އެ ބިލްތައް ފާސްކުރުމުގައިވެސް، ޢިއްޒަތްތެރި މަޖިލީހުގެ ފުރިހަމަ އެއްބާރުލުން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. 

ރައްޔިތުންގެ ޙައްޤުތައް ހޯދައިދިނުމުގެ މަސައްކަތް ފުރިހަމަވެގެންދާނީ، ޤާނޫނީ އޮނިގަނޑު އިޞްލާޙުކޮށް، މުޅި ނިޒާމަށް ބަދަލުތަކެއް ގެނެސް، ޝަރުޢީ ދާއިރާއަށް ރައްޔިތުންގެ އިތުބާރު އުފެދިގެންކަން ފާހަގަކުރައްވައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު އިޞްލާޙުކުރުމުގެ ބިލަކާއި މަދަނީ އިޖުރާއަތުގެ ބިލެއް، މިދިޔަ އަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އޭގެ އިތުރުން، ކޯޓުތަކުގެ ޤާނޫނާއި، ފަނޑިޔާރުންގެ ޤާނޫނު އިޞްލާޙު ކުރުމުގެ ބިލު، ރައްޔިތުންގެ މަޖިލީހުގެ މިދައުރަށް ހުށަހެޅުއްވުމަށް މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިއަދު އޮންލައިން