ދިވެހި ޢަސްކަރިއްޔާ ޕްރޮފެޝަނަލް ބަޔަކަށް ހެދުމަށް، ހިންގުމުގެ އޮނިގަނޑަށް މިދިއަ އަހަރު މުހިންމު ބަދަލުތަކެއް ގެނެވިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން ޢިއްވަވައިދެއްވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވީ ދިވެހި ޢަސްކަރިއްޔާއަކީ، ސިޔާސީ ނުފޫޒުން އެއްކިބާވެ، ރައްޔިތުންގެ ފުރިހަމަ އިތުބާރާއި ލޯތްބާއެކު، މަސައްކަތްކުރާ ޕްރޮފެޝަނަލް ބަޔަކަށް ހެދުމަށް، މިދިޔަ އަހަރުގެ ތެރޭގައި، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ، ހިންގުމުގެ އޮނިގަނޑަށް މުހިންމު ބަދަލުތަކެއް ގެނެވިފައިވާކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަބަދުވެސް ދިވެހި ސިފައިންގެ އެންމެ އިސް ވާޖިބަކަށްވާނީ، ޤައުމުގެ ސިޔާދަތާއި އިސްތިޤްލާލު ޙިމާޔަތްކޮށް އަމަންއަމާންކަން ޤާއިމުކުރުމާއި، ޢާންމު ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށް ދިނުމުގައި، ސިފައިންނާ މަތިކުރެވިފައިވާ ޤާނޫނީ ޒިންމާ އަދާކުރުންކަމުގައެވެ.
ފުލުހުންގެ ޚިދުމަތަކީ، ދުސްތޫރީ ހަމަތަކާއި، އިންސާނީ ޙައްޤުތަކަށް ރިޢާޔަތްކުރެވިގެން، ޤާނޫނީ އިމުގެ ތެރެއިން ދެވޭ ޚިދުމަތެއްކަން ކަށަވަރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި ފުލުހުންގެ ޚިދުމަތާ ގުޅޭ އެންމެހައި ކަންކަން ޤާނޫނުގައި އަލުން ކަނޑައެޅުމަށްޓަކައި، ފުލުހުންގެ ޚިދުމަތުގެ ބިލެއް، މިހާރު މަޖިލީހަށް ފޮނުއްވާފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމުގެ ސިޔާސަތުގެ ތެރެއިން، ނެއިބަރހުޑް ޕޮލިސްގެ ޚިދުމަތް މިއަހަރު އިތުރު އަތޮޅުތަކަށް ތަޢާރަފްކުރެވޭނެކަން ވެސް ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ރައިސް ވިދާޅުވީ ޖަލުތަކުގެ ޖާގައިގެ ދަތިކަން ޙައްލުކުރުމަށްޓަކައި، އިތުރު ޖަލެއް ހެދުމުގެ މަސައްކަތް މިއަހަރު ފެށޭނެކަމަށާއި މާފުށީ ޖަލުގެ ގިނަ ޔުނިޓްތައް ހުރި ގޮތުން، ކަސްރަތުކުރުމުގެ ފުރުޞަތު ޤައިދީންނަށް ނުލިބޭތީ، މިހާރު އިތުރު ޔާޑެއް އަޅައިދެވިފައިވާކަމަށާއި އަދި ވަކިން ޚާއްޞަގޮތެއްގައި ޤައިދީންނަށް ދޭ ޢާއިލީ ބައްދަލުވުމުގެ ވަގުތު، 2 ގަޑިއިރަށް ބަދަލުކޮށް، އެކަހެރި ބައްދަލުވުންތައް 24 ގަޑިއިރަށް ބަދަލުކުރެވިފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.