ރައްޔިތުންގެ ދީނީ ޢަޤީދާ ވަރުގަދަކުރަން މިދިއަ އަހަރުވެސް ޚާއްޞަ ސަމާލުކަމެއް ދިނިން: ރައީސް ޞާލިޙް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 8ސ
ރައްޔިތުންގެ ދީނީ ޢަޤީދާ ވަރުގަދަކުރަން މިދިއަ އަހަރުވެސް ޚާއްޞަ ސަމާލުކަމެއް ދިނިން: ރައީސް ޞާލިޙް

ރައްޔިތުންގެ ދީނީ ޢަޤީދާ ވަރުގަދަކޮށް، އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި، ސާބިތުވެ ތިބުމަށް ކުރަންޖެހޭ އެންމެހައި ކަންކަމަށް، މިދިއަ އަހަރުވެސް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދެވުނުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން ޢިއްވަވައިދެއްވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވީ 8 ރަށެއްގައި މިސްކިތް ޢިމާރާތްކުރަމުން ދާއިރު، އިތުރު 9 ރަށެއްގައި 12 މިސްކިތެއް ޢިމާރާތް ކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށިގެންދާނެކަމަށެވެ. 

ރާއްޖޭގައި އިސްލާމް ދީން ދިފާޢުކޮށް ނަގަހައްޓަން މިދިއަ އަހަރު ކުރެވުނު އެންމެ މުހިންމު މަސައްކަތެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ ރާއްޖެއިން އިސްލާމް ދީން ފުހެލަން މަސައްކަތްކުރި އެމްޑީއެން އުވައިލުމެވެ. 

މިދިއަ އަހަރު ފާހަގަކުރެވިގެން ދިއައީ ރާއްޖޭގެ ތާރީޚުގައިވެސް މީޑިއާތައް މެދުވެރިކޮށް ދިވަހިން ޣައިރު ދީނަށް އަނބުރުވަން އެންމެ ބޮޑަށް މަސައްކަތްކުރި އަހަރު ކަމެވެ. ހަމަ އެއާއިއެކު އެލެކްސް އޭނާގެ ޙަޤީޤީ ސިފައިގައި ދިވެހިންނަށް ފެނިގެން ދިއައީ ވެސް ފާއިތުވި އަހަރު އެވެ. 

ރައީސްގެ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވާހަކަފުޅުން: 

ތަޢުލީމީ ދާއިރާއިން، ރާއްޖޭގެ ތާރީޚުގައިވެސް މިހާތަނަށް ސަރުކާރުން ފަހިކޮށްދީފައި ނުވާހާ ތަނަވަސް ފުރުޞަތުތަކެއް، މިދިޔަ އަހަރު ފަހިކޮށްދެވުނުކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން ހިލޭ ޑިގްރީ ޕްރޮގްރާމްގެ ދަށުން، މިދިޔަ އަހަރުގެ ނިޔަލަށް، 5000 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވަމުން އައިކަމަށާއި ހަޔަރ އެޑިއުކޭޝަން ލޯން ސްކީމުގެ ދަށުން، 4144 ދަރިވަރަކަށް، މިދިޔަ އަހަރު ލޯނާއި ސްކޮލަޝިޕްގެ އެހީތެރިކަން ދީފައިވާކަން ރައީސްގެ ރިޔާސީގެ ރިޔާސީ ބަޔާނުގައި ހާމަކުރެއްވިއެވެ.

ތަޢުލީމީ ދާއިރާއިން ހޯދައިދެވުނު އެންމެ ރަނގަޅު އެއް ބަދަލަކީ، ސްކޫލްތަކުގައި ހެނދުނުގެ ނާސްތާ ދޭން ފެށުންކަން ފާހަގަކުރައްވައި މިޕްރޮގްރާމްވެސް ފުރިހަމައަށް ހިންގޭނީ، ހުރިހާ ސްކޫލްތައް އެއް ދަންފަޅިއަށް ބަދަލުކުރެވިގެންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެގޮތުން އެކަމަށް ބޭނުންވާ ވަސީލަތްތައް ދެނެގަތުމަށް ހެދި އޮޑިޓްގެ މައްޗަށް ބިނާކޮށް، 3 އަހަރު ދުވަހުގެ ޕްލޭނެއް ހަދައި ތަންފީޒު ކުރަމުން އަންނަކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ޓިވެޓް ތަމްރީނުތައް މުޅި ރާއްޖެއަށް ފުޅާކުރުމުގެ ގޮތުން، ރާއްޖޭގެ ތިން ސަރަހައްދެއްގައި، ފެންވަރު ރަނގަޅު ޓިވެޓް ސެންޓަރުތަކެއް ހެދުމަށް މިއަހަރު ބަޖެޓުކުރެވިފައިވާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

 

މިއަދު އޮންލައިން