ކޮރޯނާ ވައިރަސް ނެތްކަން ޔަޤީންކުރަން ޓެސްޓްކުރަން ބޭރަށް ފޮނުވި އެއްވެސް ސާމަޕަލްއެއް ޕޮޒިޓިވް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހަށް މިއަދު ރިޔާސީ ބަޔާން ހުށަހަޅުއްވަމުން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ފެއްޓެވީ ދުނިޔަށް މިހާރު ކުރިމަތިވެފައިވާ ކޮރޯނާ ވައިރަސްގެ ނުރައްކަލުގެ މައްޗަށް އަލިއަޅުއްވާލައްވަމުންނެވެ.
އެގޮތުން މި ބަލީގެ ނުރައްކާ ރާއްޖެއަށް އޮތް ނަމަވެސް މިހާތަނަށް ސާންޕަލްނަގާ ޓެސްޓްކުރި އެއްވެސް ދިވެއްސަކު މި ވައިރަސްއަށް ޕޮޒިޓިވް ވެފައި ނުވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އަދި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ލަފަޔާ އެއްގޮތަށް ސަރުކާރުގެ ހުރިހާ އިދާރާތައް، އެއް ޢަޒުމެއްގައި މަސައްކަތް ކުރައްވަމުން ގެންދަވަނީ ދިވެހި ރައްޔިތުން އެ ބަލިން ރައްކާތެރި ކުރުމަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކޮރޯނާ ވައިރަސް އަށް ޝައްކު ކުރެވޭ އެއްވެސް މީހަކު ރާއްޖއިން އަދި މިހައިތަނަށް ފެނިފައި ނުވާކަން މިހާރު މިވަނީ ޔަޤީންކުރެވިފައެވެ.