ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއިއެކު ފެތުރެމުންދާ "ނޮވެލް ކޮރޯނާވައިރަސް" އިން ރައްކާތެރިވުމަށް އެޅެން ހުރި ފިޔަވަޅުތަކަކީ ކޮބައިތޯ ބަލައި އެ ފިޔަވަޅުތައް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެކުލަވާލެއްވި ޚާއްޞަ ޓާސްކްފޯހުގެ މެންބަރުންނާ އެމަނިކުފާނު މިއަދު ބައްދަލުކުރައްވައި ކަމާގުޅޭ އެންމެ ފަހުގެ މަޢުލޫމާތު އޮޅުންފިލުއްވައި އިރުޝާދު ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ކޮރޯނާވައިރަސްއިން ރައްކާތެރިވުމަށް ކަމާބެހޭ އިދާރާތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ. އަދި، އެ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރެއްވުމަށް ކުރެވެން ހުރި މަސައްކަތްތަކާއިމެދު މަޝްވަރާކުރައްވާ، އިރުޝާދު ދެއްވައި މިކަމުގައި ހުރިހާ އިދާރާތަކުންގުޅިގެން މަސައްކަތްކުރުމަށްއެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.