ޤުރްއާން ކިޔެވުން އިޚްތިޔާރީ ކަމަކަށް ހެދުމާ ދެކޮޅަށް ޕެޓިޝަނެއްގަ ސޮއިކުރަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 19ސ
ޤުރްއާން ކިޔެވުން އިޚްތިޔާރީ ކަމަކަށް ހެދުމާ ދެކޮޅަށް ޕެޓިޝަނެއްގަ ސޮއިކުރަނީ!

އެޑިޔުކޭޝަން މިނިސްޓްރީން ސިއްރު އެޖެންޑާއެއްގެ ދަށުން ޤުރްއާން މާދާ އާއިމެދު އަމަލުކުރަން އުޅޭކަމުގެ މައުލޫމާތު ލިބިގެން އެކަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަމާލުކަމަށް ގެނައުމަށް ޕެޓިޝަނެއްގައި މިހާރު ދަނީ ސޮއިކުރަމުންނެވެ.

ޕެޓިޝަން:

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް،

ވެދުން ސަލާމަށް ފަހު ދަންނަވަމެވެ.

ސައްތައިން ސައްތަ މި ދިވެހިރާއްޖޭގައި މާތްﷲގެ ފޮތް ކީރިތި ޤުރްއާނާއި އޭގެ ޢިލްމަށް ދޭ އަހައްމިއްޔަތާއި އެފޮތަށް ޖެހިފައިވާ ލޯބި ދިވެހި މުސްލިމު ރައްޔިތުންގެ ހިތްތަކުން ފޮހެލައި ނައްތައިލުމަކީ ވެވޭނޭ ކަމެއްނޫނެވެ. އިސްލާމްދީނުގެ މައިގަނޑު އަސާސަކީ އެފޮތެވެ. ކޮންމެ މުސްލިމެއްގެ ހިތުގެ ކާނާއަކީ ކީރިތި ޤުރްއާން ތަޖުވީދުގެ މަގުން ކިޔެވުމާއި އޭގެ ޢިލްމުން މިންވަރެއް ދެނެގަތުމާއި އެފޮތުން މިންވަރެއް ހިތުން ދަސް ކުރުމާއި އެއާ އެއްގޮތަށް ދިރިއުޅުން ބައްޓަން ކުރުމެވެ. މުޅި ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ހިންގޭ ސަރުކާރުގެ ނުވަތަ އަމިއްލަ ފަރާތްތަކުގެ ޤުރްއާން ކްލާސްތަކާއި ކޯސްތަކާއި އަދި މުބާރާތްތަކަށް ބަލާލުމުންވެސް މިކަން ހާމަވެގެން ދެއެވެ.

ކަންމިހެން އޮތްނަމަވެސް، އަޅުގަނޑުމެންގެ ދަރިންނަށް ކީރިތި ޤުރުއާން އުނގަންނައިދިނުމުގެ މަރުޙަލާ ތަކުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ވަރަށް ބޮޑު އިހްމާލެއްވެ، އޭގެ ނަތީޖާއެއްގެ ގޮތުން ދަރިވަރުންގެ ފެންވަރު ހިފެހެއްޓުމަށް ގައުމީ ފެންވަރުގައި އެސް.އެސް.އީ އިމްތިޙާނު ދިނުމަށް ކަނޑައަޅާފައިވަނިކޮށް، ކީރިތި ޤުރްއާން މިމާއްދާ އިމްތިޙާނު ނުކުރާ މާއްދާއެއްކަމަށް ހައްދަވައި، އޭގެ ބަދަލުގައި ކިޔަވައިދޭ މުދައްރިސުންގެ ފަރާތުން ކްލާސް ތެރޭގައި ކުރެވޭ ސުވާލުތަކެއްކޮށް މިބޮޑު މަސްއޫލިއްޔަތުން އެއްކިބާވާން އުޅޭކަމީ ދިވެހި ރައްޔިތުން ފަހަރެއްގައިވެސް ރުހޭނެކަމެއް ނޫނެވެ. ހިތާމަޔަކީ މިކަމަށް މަގުކޮށުމަށްޓަކައި:-

- ޤުރުއާން މާއްދާގެ ފަހުގެ މުޤައްރަރަށް ޓީޗަރުން އަހުލުވެރިކޮށް ތައްޔާރު ކުރުމެއް ނެތުމާއި،

- އަދި ސްކޫލުތަކުގައި ކިޔަވައިދިނުމާއި އެސް.އެސް.އީ އިމްތިޙާނު ދޭން ނިންމާފައިވާ ގޮތާ ގުޅުން ކުޑަވުމާއި،

- އަދި ސްކޫލުތަކުންވެސް އެއްވެސް ކަހަލަ ނަމޫނާ މަސައްކަތްތަކެއް ކުރުވުމެއް ނެތި، ބެލެނިވެރިންނަށް އޮޅުވައިލުމެއްގެ ތެރެއިން މި މާއްދާ މިގޮތަށް އޮތުމަކީ ބޮޑު ބުރަޔަކާ ނުއުފުލޭވަރުގެ ބޮޑު ތަކުލީފެއްކަމުގައި ދައްކުވައިދެމުންދާކަމެވެ. އަދި އެކަމާ ވިއްދައިގެން އިމްތިޙާން އުވާލުމަށް ޕެޓިޝަނެއް ހަދައި އޭގެ ޒަރީޢާއިން ކީރިތި ޤުރުއާނަށް ދޭންޖެހޭ އަހައްމިއްޔަތު މުޅި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުން ފަނޑުކޮށްލުމާއި ދަރިވަރުން މިމާއްދާ ކިޔެވުމާ ދުރުކުރުވައި މަޖުބޫރުނޫން މާއްދާއެއްގޮތަށް ހެދުމަށް ދަނީ މަގުފަހިކުރަމުންނެވެ.

އެހެންކަމުން، މަނިކުފާނުގެ އަރިހުން އަޅުގަނޑުމެން އެދެނީ، 2020ގެ އެސް.އެސް.އީ އިމްތިޙާނުގައި ޤުރްއާނަކީ އިޚްތިޔާރީ މާއްދާއެއް ކަމުގައި ކަނޑައެޅުމަށް ހިނގަމުންދާ މަސައްކަތްތައް ހުއްޓުވައި ދެއްވައި، އޭގެ ބަދަލުގައި ޤުރްއާނަކީ ކަނޑައެޅިގެން މަޖުބޫރު މާއްދާއެއްގެ ގޮތުގައި ދަމަހައްޓަވައި ދެއްވައި، ތަޢުލީމީ ދާއިރާގެ މަސްއޫލުވެރި ފަރާތްތަކުގެ އިހުމާލުން މިދިމާވި ކަންކަން ހައްލު ކުރުމަށްޓަކައި ކަމާބެހޭ ފަރާތްތަކާ އެކުގައި ފުޅާދާއިރާއެއްގައި - ދިވެހި ރައްޔިތުންނަށް ޤަބޫލުކުރެވޭނެ ބީދަޔަކުން - މަސައްކަތްތަކެއް ކުރައްވައިގެން 2020ގެ އެސް.އެސް.އީ އިމްތިހާނުގައި ޤުރްއާން މާއްދާއަށް އެމާއްދާގެ ވަރަށް ގިނަ ތަޖުރިބާކާރުންގެ ވިސްނުން ފުޅުގައިވާފަދައިން، ތަޖުވީދާއި ޤުރްއާނުގެ ޢިލްމުގެބައި ސުވާލުކަރުދާސް ދީގެން، ހިތުންދަސްކުރުމުގެ ބައިންނާއި ބަލައިގެން ކިޔެވުމުގެ ބައި އަނގަބަހުންވެސް ގައުމީ ފެންވަރުގައިދެވޭ އެސް.އެސް.އީ އިމްތިހާނު ދީ، ޤުރްއާން މާއްދާގެ މަޖުބޫރުކަން ނަގާލަން ފުރުޞަތު ނުދެއްވުމެވެ. އަދި މި ޙާލަތަށް ރިޢާޔަތްކުރައްވުމާއެކު ދަރިވަރުންނަށް މިފަހަރުގެ އިމްތިޙާނު ހެދުމުގައި ލުއިކަމެއް ދެވޭ ގޮތަށް އިމްތިޙާނު ބައްޓަންކޮށްދެއްވުމެވެ. ދިވެހިރައްޔިތުންނަކީ ޒަމާނުއްސުރެ ޤުރްއާނާ މެދު ޚާއްޞަ ޤަދަރެއްދީ ، އެފޮތަށް ނުހަނު އިޙްތިރާމްކުރާ ބަޔެއްކަން ހަނދުމަނެތި ނުކުރައްވާށެވެ.

މިހެން މިދެންނެވީ، ޤުރްއާން މާއްދާގެ މަޖުބޫރުކަން މިފަހަރުގެ އިމްތިޙާނުގައި އިޚްތިޔާރީއަށް ބަދަލުކޮށްފިނަމަ، ކުރިއަށްއޮތް މުސްތަޤުބަލުގައި އެމާއްދާ އަނބުރާ މަޖުބޫރު މާއްދާއަކަށް ބަދަލު ކުރުމަކީ ނުހަނު ބުރަ އުނދަގޫ ޤުރުބާނީއެއް ވެގެން މެނުވީ ދެންކުރެވޭނެ ކަމެއް ނޫންކަން އަޅުގަނޑުމެންނަށް ޔަޤީންކުރެވޭތީއެވެ. އަދި އެއީ މަދު ބައެއް ފަރާތްތަކުން ދުރާލާ ރާވައިގެން އެކަން ކުރަން މަސައްކަތް ކުރާތާ އެތައް ޒަމާނެއްވެފައިވާ ކަމެއްކަން ވެސް އަޅުގަނޑުމެން ދަންނާތީއެވެ.

ވީމާ، މި އިސްލާމީ ދިވެހި ޤައުމުގެ ޙައްޤުގައި އަޅުގަނޑުމެންގެ މި އިލްތިމާސަށް މަނިކުފާނު ފުރިހަމަ އެއްބާރުލެއްވުންމާއި އިޖާބަ ދެއްވާނޭކަމުގެ އުއްމީދުގައި މިޕެޓިޝަން ހުށައަޅަމެވެ.

އިޚްތިރާމު ޤަބޫލުކުރެއްވުން އެދެމެވެ.

30 ޖަނަވަރީ 2020.

ޕެޓިޝަނުގަ ސޮއިކުރެއްވުމަށް: https://secure.avaaz.org/en/community_petitions/dhivehiraajeyge_raeesuljumhooriyaa_ibraaheem_muhha_esessee_imthihhaanugai_quraan_maadhaage_majuboorukan_nagaa_nulevumash_edhi_hushaalaa_petishan/?qxxCupb&fbclid=IwAR1tA74GVwYMax1VZSY9rR38Fvsl7ZSjSUGZP5DAeBgtsgBvOlrQe3E6vFk

މިއަދު އޮންލައިން