ކެންސަލްކުރާ ބުކިންގސްތަކަށްވުރެ އިތުރުވާ ބުކިންގސްގެ އަދަދު ގިނަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ކެންސަލްކުރާ ބުކިންގސްތަކަށްވުރެ އިތުރުވާ ބުކިންގސްގެ އަދަދު ގިނަ!

ކޮރޯނާ ވައިރަސް އާއި ގުޅިގެން މިހައިތަނަށް 11000 ބުކިންގްސް ކެންސަލްކޮށްފައިވާ ކަމަށާއި ނަމަވެސް ޖަނަވަރީ 26 އިން ފެށިގެން މިހައިތަނަށް 24000 ބުކިންގސް ހަދާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޢަލީ ވަޙީދު މިއަދު ވިދާޅުވީ ކޮރޯނާ ވައިރަސްގެ ވަބާ މުޅި ދުނިޔެއަށް ފެތުރެމުން އަންނާތީ އެކަމަށް ރާއްޖެ އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށެވެ. އަދި މިހާރުވެސް 3 ރިޒޯޓެއްފިޔަވައި އެހެން ރިޒޯޓުތަކުގައިވެސް ފަރުވާ ދެވޭނެ ރަނގަލު ނިޒާމެއް ޤާއިމުކޮށްފައިވާ ކަމަށެވެ. އަދި އެ 3 ރިޒޯޓުގައިވެސް ވަރަށް އަވަހަށް ޤާއިމުކުރެވޭނެ ކަމަށެވެ.

ރާއްޖޭގެ ގިނަ ރިޒޯޓުތަކުގައި ޑޮކްޓަރުން ބައިތިއްބައިގެން އަމިއްލައަށް ކްލިނިކްތައް ހިންގައެވެ. ބޮޑެތި ހުރިހާ ރިޒޯޓުތަކެއްގައިވެސް ހިންގަނީ ފެންވަރު ރަނގަޅު ކްލިނިކްތަކެވެ. ގިނަ ރިޒޯޓުތަކުގައި ބައިތިއްބަނީވެސް ފެންވަރު ރަނގަޅު ޑޮކްޓަރުންކަން ފާހަގަކުރެވެއެވެ.

ޖަނަވަރީ މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދަށް ބަލައިފިނަމަ ކުރީ އަހަރަށްވުރެ ގިނަ ފަތުރުވެރިން މިއަހަރު ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. 2019 ވަނަ އަހަރުގެ ޖެނުއަރީގ މަހު ރާއްޖެ އައިސްފައިވަނީ 1،51550 ފަތުރުވެރިންނެވެ. މި އަހަރުގެ ޖަވަވަރީ މަހު 1،73874 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރިއެވެ. މިއީ 22000 އިތުރު އަދަދެކެވެ.

މާތް ﷲގެ ވާގިފުޅާއިއެކު ކޮރޯނާ ވައިރަސް ބަލީގެ އެއްވެސް މީހަކު އަދި މިހައިތަނަށް ރާއްޖެއިން ފެނިފައެއް ނުވެއެވެ. ޝައްކުކުރެވުނު މީހުންގެ ޙާލުވެސް މިހާރު ވަނީ ރަނގަޅުވެފައެވެ. އެމީހުންގެ ޓެސްޓްތަކުގެ ނަތީޖާ މާދަމާގެ ވަގުތެއްގައި ލިބި ޔަޤީންކުރެވޭނެ ކަމަށް ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިއަދު އޮންލައިން