މިހާރު ފެތުރެމުންދާ އަރިދަފުސް ރޯގާ އާއި ބެހޭ ގޮތުން، އަދި ކޮރޯނާ ވައިރަސް އާއި ބެހޭ ގޮތުން ވެސް ކަންބޮޑުވާން ޖެހޭ ފަދަ އެއްވެސް ކޭސްއެއް އަދި މިހައިތަނަށް ރިޕޯޓުކޮށްފައި ނުވާކަމަށް އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ ޓީމުން ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑޮކްޓަރުންގެ ޓީމުން ވިދާޅުވީ ރޯގާ ޖެހިގެން ޑޮކްޓަރަށް ދެއްކުމުން ލަފާ ހޯދަން ޖެހޭ ކަންކަމުގައި އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ ލަފާ ހޯދަމުން ގެންދާ ކަމަށެވެ.
ޑޮކްޓަރުންގެ ޓީމުން މިއަދުވެސް އެންމެ ބޮޑަށް ފާހަހަގަކުރެއްވި އެއް ކަމަކީ އަރިދަފުސް ރޯގާ ޖެހިއްޖެ ނަމަ ގޭގައި މަޑުކުރުމަށާއި ގެއިން ބޭރަށް ނުކުމެ އުޅޭނަމަ މާސްކް އެޅުމަށެވެ. އަދި ނޭފަތްފޮޅާއިރުވެސް ކުޅުޖަހާއިރުވެސް އެހެން މީހުންނަށް އެކަމުގެ އަސަރު ނުކުރާނެ ގޮތަށް ކަންކަން ކުރުމަށެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ ޑރ. އިބްރާހީމް އަފްޒަލް އާއި ޑރ. މުޙައްމަދު ޢަލީ އަދި ޑރ. މޫސާ ޙޫސައިން އެވެ.