2019 އަހަރުގެ ފަހު ކުއާރޓަރުގެ މާލީ ހިސާބު ދައްކާގޮތުން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަށް ވަނީ 25.6 މިލިއަން ރުފިޔާ ސާފު ފައިދާގެ ގޮތުގައި ލިބިފައެވެ.
މި ފައިދާއާއިއެކު އެމް އައިބީ ވަނީ ލަފާކުރިވަރަށް ވުރެން ބޮޑު ފައިދާއަކާއިއެކު ރަނގަޅު އަދި އުންމީދީ ނަތިޖާތަކއެއް ނެރެފައެވެ. އެގޮތުން ހިންގުމުގެ ފައިދާ 11.4% އިތުރުވެ 68.7 މިލިއަން ރުފިޔާއަށް އަރައިފައެވެ. އަދި ހިއްސާއަކާއި އަޅާ ބަލާއިރު ނެޓް އެސެޓްގެ އަގު ވަނީ 23.56 އަކުން 24.7 ރުފިޔާއަށް ޖެހި ހިއްސާއަކަށް ޖެހޭ ފައިދާގެ އަގު 14% އިތުރުވެފައެވެ.
މީގެ އިތުރުން ބެންކު ވަނީ އާންމުންނަށް 24 ޖުލައި 2019 އިން 22 ސެޕްޓެމްބަރ 2019 ގެ ނިޔަލަށް ހިއްސާ ވިއްކައި ޕަބްލިކް ކުންފުންޔަކަށް ވެފައެވެ. އަދި މި އައިޕީއޯ އަކީ ރާއްޖޭގއި ބޭއްވުން އެންމެ ކާމިޔާބު އައިޕީއޯކަން މިފުރުސަތުގައި ފާހަގަ ކުރަމެވެ. އެގޮތުން ވިއްކަން ހުށަހެޅި ހިއްސާގެ އަދަދަށް ވުރެން 46% އިތުރައް ހިއްސާ ގަންނަން ހުށަހެޅިކަން ފާހަގަ ކުރަމެވެ. މި ކާމިޔާބީއާއިއެކު އެމްއައިބީ ވަނީ 16،000 ހިއްސާދާރުންނާއިއެކު 17 ނޮވެމްބަރ 2019 ގައި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ރަޖިސްޓްރީ ވެފައެވެ.
ވޭތުވެދިޔަ ކުއާރޓާގައި އެމް އައި ބީގެ ފައިސާ މޮބައިލް އެޕްލިކޭޝަންއަށް ވަނީ އިސްލާމިކް ފައިނޭންސް ފޯރަމްގައި އަހަރުގެ އެންމެ މޮޅު ޕްރޮޑަކްޓުގެ ދާއިރާއިން ސިލްވަރ އެވޯޑު ލިބިފައެވެ.
ކަސްޓަމަރުންނަށް ދެވޭ ހިދުމަތް ރަނގަޅުކުރުމުގެ ގޮތުން ވޭތުވެދިޔަ ކުއާރޓަރގައިވަނީ ބާޒާރު ކަސްޓަމަރ ސާވިސް ސެންޓަރ ހުޅުވިފައެވެ. އަދި އޮންލައިން ކިޔު ސިސްޓަމެއް އޭންޓް ކިޔު އާއި ގުޅިގެން ތައާރަފް ކުރެވިފައެވެ.
ކާމިޔާބު ކިޑްސް ގެ ނަމުގައި އާ ސޭވިންގް އެކައުންޓެއް އެމް އައި ބީ ގައި ތައާރަފް ކުރެވުނީވެސް 2019 އަހަރުގެ ފަހު ކުއާރޓަރުގައެވެ. މި އެކައުންޓަކީ ކުދިންގެ ނަމުގައި މަހަކު ކަނޑައެޅޭ ވަކި އަދަދެއް ރައްކާކޮށް ރަނގަޅު ފައިދާއަކާއި އެކު ކުއްޖާއަށް 18 އަހަރު ފުރުމުން ނެގޭގޮތަށް ހުޅުވޭ އެކައުންޓެކެވެ. ޑޮލަރު އަދި ރުފިޔާއިންވެސް މި އެކައުންޓު ހުޅުވޭނެއެވެ.
މިހިނގާ 2020 ވަނަ އަހަރު ވެސް ބޭންކުން ބޭންކުގެ ހިދުމަތް ފުޅަކުރުމގެ ގޮތުން އިތުރު ބްރާންޗު ހުޅުވުމާއި، އޭޓީއެމް އަދި ޕޮސް ޓާމިނަލް އިތުރުކުރުމުގެ އިތުރުން މޮބައިލް އަދި އޮންލައިން ބޭންކިންގް އިތުރަށް ފުޅކޮށް އާ ޕްރޮޑަކްޓު ތަކާއިއެކު އިސްލާމިކް ފައިނޭނެސް ރާއްޖޭގައި ފުޅަކުރުމުގެ މަސްއްކަތް މިބޭންކުން ކުރަމުން ދާނެ ކަމަށް އެ ބޭންކުން ބުނެއެވެ.