ދަރިންނަށް ދުޅަހެޔޮ ރަނގަޅު ސިއްޙަތެއް ލިބުމަށް މައިންބަފައިން އެދޭނެ ފަދައިން، ތިމާމީހާގެ މައިންބަފައިންނަށް ރަނގަޅު ދުޅަހެޔޮ ސިއްޙަތެއް ލިބުމަކީ ހެޔޮލަފާ ދަރިންވެސް އެދޭނެ ކަމެކެވެ.

ލ. މާވަށް، ޙައްވާ ޔޫނުސް (59އ.) އަކީ އެފަދަ ހެޔޮލަފާ ދަރިންގެ މައެކެވެ. ހިތްހަމަޖެހޭ އާދައިގެ ދިރިއުޅުމެއް އުޅެމުން ދަނިކޮށް ހައްވަގެ ދިރިއުޅުން ބަދަލު ކޮށްލީ އޭނާގެ ސިއްޙަތައް އަންނަންފެށި ބަދަލުތަކާއި އެއްކޮށެވެ.
"މަންމަ އަށް އާދަޔާ ޚިލާފު އުނދަގުލެއް ވާންފެށީ މިދިޔައަހަރު ފެބްރުއަރީ ގަ. އެއިރު ހުރީ ރަށުގަ. އެހެންވެ އަވަހަށްމާލެ ގޮސް އެޑްވާންސް ކްލިނިކަށް ދެއްކީ. ޑޮކްޓަރ ބައްލަވާފަ، ކޮންމެވެސް ކަމެއް ގޯސްކަން ފާހަގަކޮށް އައިޖީއެމްއެޗް ގެ އަންހެނުންގެ ޚާއްސަ ޑޮކްޓަރަކަށް ދެއްކުމަށް ލަފާ ދިނީ" ހައްވަގެ ސިއްޙަތާއި ބެހޭގޮތުން "މިއަދުނޫހަށް" މައުލޫމާތު ދެމުން އޭނާގެ ދަރިފުޅު އަބްދުﷲ ގާސިމް ބުންޏެވެ.

ޖެހިގެން އައިދުވަހު އައިޖީއެމްއެޗްގެ އަންހެނުންގެ ޚާއްސަ ޑޮކްޓަރަކަށް ދެއްކުމުން އެޑޮކްޓަރ ވެސް ވަރަށް އަވަސް ގޮތަކަށް ޓެސްޓުތަކެއް ހަދަން ދިން ކަމަށް ގާސިމް ބުންޏެވެ.
"ޓެސްޓުތަކުގެ ނަތީޖާ ދެއްކީ ކެންސަރ ކަމަށް. ޑޮކްޓަރ އާސަންދަ ފޯމު ފުރާދެއްވާފަ ވީއެންމެ އަވަހަކަށް ބޭރަށް ފުރަން ލަފާދެއްވި. އަޅުގަނޑުމެންނަށް މާލީގޮތުން އެހާ ތަނަވަސްކަން ލިބިފައި ނެތުމުން އާއިލާގެ އެހެން މެމްބަރުންނާއި ހެޔޮއެދޭ ފަރާތްތަކެއްގެ ދީލަތި އެހީއާއެކު 3 އޭޕްރިލް 2019 ގަ މަންމަގެ ފަރުވާއަށް އިންޑިއާގެ ކޮޗިން އަށް ފުރިން. ކޮޗިންގެ އަމްރިތާ ހޮސްޕިޓަލުން ޑޮކްޓަރ މަންމަ ބަލާފަ ޓެސްޓުތައް ހަދާފަ ބުނީ ކެންސަރ ގެ 2 ބީ ކަމަށް. ކެންސަރަށް ފަރުވާކުރަން ފަށާފަ ގާތްގަނޑަކަށް ތިން މަސް ފަހުން ޖޫން 28 ގަ މަންމަ އެނބުރި މާލެ އައީ. އެއީ ތިން މަސް ވާއިރު އަލުން އަންނާށޭ ބުނެފަ. މަންމަގެ ފަރުވާއަށް އިހުމާލުނުވެ ރަނގަޅަށް ފަރުވާ ކުރެވިއްޖެނަމަ އެއްކޮށް ރަނގަޅުވާނެ ކަމުގެ އުންމީދު ޑޮކްޓަރ ދެއްވި" ހައްވައަށް މިކަމުގަ ދިން ފުރަތަމަ ފަރުވާއާއި ގުޅޭގޮތުން ގާސިމް ބުންޏެވެ.

ގާސިމް ބުނިގޮތުގައި ދެވަނަ ފަހަރަށް އިންޑިއާއަށް ފުރީ ސެޕްޓެމްބަރ މަހުގެ 24 ގައެވެ. އެފަހަރު ހައްވަގެ ހާލަތު ހުރި ގޮތުންނާއިވެސް އެކު، ތިންމަސް ދުވަސް ވަންދެން އިންޑިއާގައި ގާސިމް އާއިއޭނާގެ މަންމަ މަޑުކުރިއެވެ. އެނބުރި ރާއްޖެއައީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ 23 ގައެވެ.
"އަންނަ މަހު 12 ގަ އަލުން ދައްކަން ދާން ބުނެފަ އިނީ ޑޮކްޓަރު. އަޅުގަނޑުމެން މިވިސްނަނީ 9 ގަ ފުރަން، އެއީ ގޮއްސަ ކުޑަކޮށް ހަމަޖެހިލަންށާއެކީގަ. އާސަންދައިން ބަލިމީހާއާއި އެހީތެރިއެއްގެ ދެކޮޅު ޓިކެޓާއި ބޭސްފަރުވާގެޚަރަދު އިނީ ހަމަޖެހިފަ. ނަމަވެސް ދިގު މުއްދަތަކަށް އެކޮޅުގައި ހުންނައިރު ހުރުމާއި ކެއުމުގެ ޚަރަދުދާނެ ދެއްތޯ. އެހެންވެ އަޅުގަނޑުމެން އެކިފަރާތްތަކުގެ ދީލަތި އެހީ ބޭނުންވޭ. އަޅުގަނޑަށް އެންމެ މުހިންމީ މަންމަ. މަންމަ މިބަލިން ސަލާމަތް ކޮށްދިނުމަށް އެހީތެރިވެދެއްވާ، އާދޭސް ކުރަން." " ގާސިމް ބުންޏެވެ.

ހައްވާ ޔޫނުސް ކެންސަރުގެ ބަލިން ސަލާމަތްކުރުމަށް އެހީތެރިވުމަށް ބީއެމްއެލް އެކައުންޓު ނަންބަރު 7704519717001 (އަބްދުﷲ ގާސިމް) އަށް ފައިސާ ޖަމާކޮށްދިނުން އެދެމެވެ. އިތުރު މައުލޫމާތު 9805713 ނަންބަރު ފޯނާއި ގުޅައިގެން ހިއްސާ ކޮށްލުމަށް އެދެމެވެ.