ކޮރޯނާ ވައިރަހާއި ގުޅިގެން ބަނދަރުތަކުގެ ސްކްރީނިންގ އިތުރަށް ވަރުގަދަ ކުރަން ފަށާފައިވާ ކަމަށާއި އެގޮތުން ބަނދަރުތަކުގައި ބޭނުންކުރާނެ ހޭންޑް ސްކޭނަރތައް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.
އެމިނިސްޓްރީން ބުނީ ހޭންޑް ސްކޭނަރތައް ގެނައުމުގެ އިތުރުން އެއަރޕޯޓުތަކުގެ ދޮރާށިތަކުގައި ސްކްރީނިންގ ކެމެރާތައް އިތުރަށް ހަރުކުރުމުގެ މަސައްކަތްވެސް މިހާރު ވަނީ ފަށާފައިވާކަމަށެވެ.
ކަނޑުމަގުން އަންނަ އެކި އުޅަނދުތަކުގައި އަންނަ މީހުން ސްކްރީންކުރުމަށް ބަނދަރުތަކުގައި ބޭނުންކުރާނެ ހޭންޑް ސްކޭނާތައް ގެނައުމުގެ މަސައްކަތް އެސްޓީއޯ މެދުވެރިކޮށް އަންނަނީ ކުރަމުންނެވެ. އެގޮތުން ކަނޑު ބޯޓާއި ކްރޫޒްލައިނާތަކާއި ޔޮޓުތަކުގައި އަންނަ މީހުންވެސް ސްކްރީން ކުރަމުން ގެންދާނެ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
ކޮރޯނާ ވައިރަހާއި ދެކޮޅަށް ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކާއި އަދި އިތުރަށް ކުރެވިދާނެކަންކަމާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރުމަށް ބޭއްވި ބައްދަލުވުމުގައިވަނީ ކޮރޯނާއަށް ޝައްކުކުރެވޭ މީހަކު ފެންނަ ޙާލަތުގައި ޢަމަލުކުރުމަށް މިހާރު އެކުލަވާލާފައިވާ އުސޫލުތަކުގެ މަޢުލޫމާތު ހިއްސާކޮށްފައެވެ. އެގޮތުން ކޮރޯނާއަށް ޝައްކުކުރެވޭ މީހަކު ފެނިއްޖެނަމަ އެމީހާ އައިޖީއެމްއެޗަށް ނުވަތަ ހުޅުމާލޭގައި ޤާއިމުކޮށްފައި ހުންނަ އައިސޮލޭޝަން ސެންޓަރަށް ގެންދާނެ ގޮތުގެ ޕްލޭންވެސް މިހާރުވަނީ އެކުލަވާލާފައެވެ. އެގޮތުން އެމަރޖެންސީ ޙާލަތުގައި މަސައްކަތްކުރާނެ ޑްރައިވަރުން އެމްއެންޑީއެފުން ހަމަޖެއްސުމަށް ވަނީ ނިންމާފައެވެ. އަދި މީހުން އުފުލުމުގައި އެކަމަށް ޚާއްސަ އެމްބިއުލާންސްތަކުގައި އެހެން މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު ވީއެންމެ ކުޑަގޮތަކަށް ގެންދިޔުމަށް އިސްކަންދިނުމަށްވަނީ ނިންމާފައެވެ.