ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ހަލުވިކަމާއި އެކުގައި ފެތުރެމުން އަންނަ ކޮރޯނާވައިރަސް ނުވަތަ ވޫހާން ރޯގާ އައުޓު ބްރޭކެއް ރާއްޖެއިންވެސް ފެނުމުގެ ފުރުސަތު ބޮޑު ކަމަށް ކޮރޯނާ ވައިރަސް ރިސްކު އެސެސްމަންޓުން ދައްކައިފިއެވެ.
ކޮރޯނާ ވައިރަހަށް ރާއްޖެއިން އޮތް ރިސްކު ބެލުމަށްޓަކާއި ރިސްކު އެސަސްމެންޓެއް ހަދާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ. އެގޮތުން އެ އެސެސްމެންޓުން ދައްކާ ގޮތުގައި ރާއްޖެއަށް މި ވައިރެސް ފެތުރުމުގެ ރިސްކު ބޮޑުކަން ވަނީ ފާހަގަވެފައެވެ.
ރައީސް އޮފީހުން ބުނެފައިވަނީ ކޮރޯނާ ވައިރަސް އަށް ޝައްކު ކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެނަމަ އެމީހުން އެކަހެރިކުރާ ދެ ފެސިލިޓީއެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ހުޅުމާލޭގައި ގާއިމް ކޮށްފައިވާ ކަމަށެވެ. އަދި އެބަލީގައި ސީރިއަސްވާ މީހުންނަށް ފަރުވާ ކުރުމަށް ދަރުމަވަންތަ ހޮސްޕިޓަލުގައި ޚާއްސަ އައިސީޔޫއެއް ގާއިމް ކޮށްފައިވާ ކަމަށާއި އެއައިސީޔޫ ގާއިމް ކޮށްފައިވަނީ އެހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
މީގެއިތުރުން ރައީސް އޮފީހުން ބުނެފައިވަނީ މި ރޯގާއަށް ޝައްކުކުރެވޭ މީހުން ފާހަގަކުރުމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތާމަލް ކެމެރާ ހަރުކޮށްފައިވާއިރު އެހެނިހެން ޕޮއިންޓް އޮފް އެންޓްރީތަކުގައި އެ ކެމެރާ ހަރުކުރުމަށް ކެމެރާ ހޯދުމުގެ މަސައްކަތް ފޮރިން މިނިސްޓްރީއާއި އެސްޓީއޯ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.
ނުރައްކާތެރި މިވައިރަސް ހުރިކަމަށް ޝައްކު ކުރެވޭ މީހުން ނުވަތަ ކޮރޯނާ ވައިރަސް ހުރިކަން ޔަގީންވާ މީހުން އެހެން މީހުންނާއި އެކަހެރިކޮށްފައި ބެހެއްޓުމަށް 12 އެނދުގެ އައިސޮލޭޝަން ފެސިލިޓީއެއް ހުޅުމާލޭގައި ވަނީ ގާއިމް ކޮށްފައެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވެސް އައިސޮލޭޝަން ފެސިލިޓީއެއް ވަނީ ގާއިމް ކޮށްފައެވެ.
ރައީސް އޮފީހުން ބުނީ މި ބައްޔަށް ޝައްކު ކުރެވޭ މީހުން ޓްރާންސްފާ ކުރުމަށް ތައްޔާރީ ހާލަތުގައި އަބަދުވެސް ތިން އެމްބިއުލާންސް އޮންނާނެ ކަމަށެވެ. އެ އެމްބިއުލާންސްތައް ހުންނާނީ ވީއައިއޭ އަދި ހުޅޫމާލެއާ އައިޖީއެމްއެޗުގައެވެ.
ކޮރޯނާވައިރަހާ ގުޅިގެން އެޗްޕީއޭއިން މިދިޔަ އާދީއްތަ ހާއްސަ ހޮޓްލައިން 7377004 ގާއިމުކޮށްފައެވެ.