ކޮރޯނާ ވައިރަސްއާއި ބެހޭގޮތުން ރައީސް ޞާލިޙް ކަމާއިބެހޭ ފަރާތްތަކާއި ބައްދަލު ކުރައްވައިފި!

ކިޔުމަށް ހޭދަވާނީ 1މ 45ސ
ކޮރޯނާ ވައިރަސްއާއި ބެހޭގޮތުން ރައީސް ޞާލިޙް ކަމާއިބެހޭ ފަރާތްތަކާއި ބައްދަލު ކުރައްވައިފި!

ޗައިނާގެ ބައެއް ސަރަޙައްދުތަކުގައި ހަލުވިކަމާއިއެކު ފެތުރެމުންދާ "ނޮވެލް ކޮރޯނާ ވައިރަސް" އިން ރައްކާތެރިވުމާއި ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަޒީރުންނާއި، ކަމާއިބެހޭ އިދާރާތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވާ މަޝްވަރާ ކުރައްވައިފިއެވެ.

ރައީސް އޮފީހުގައި ބޭއްވުނު މި ބައްދަލުވުމުގައި ރައީސް ޞާލިޙުވަނީ، މިބަލިން ރައްކާތެރިވުމުގެ ގޮތުން މަސައްކަތް ކުރުމަށް އެކުލަވައިލައްވާފައިވާ ޚާއްޞަ ޓާސްކްފޯސްގެ މަސައްކަތްތަކާއި، މިހާތަނަށް އަޅާފައިވާ ފިޔަވަޅުތަކާއި ބެހޭ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ. އަދި، މި ބަލިން ރައްކާތެރިވުމުގެ ގޮތުން އެޅެން ހުރި ހުރިހާ ފިޔަވަޅުތަކެއް އަޅުއްވައި، މި ބައްޔާއި ގުޅޭ ހުރިހާ ކަމެއް އެންމެ ގާތުން ބެއްލެވުމަށް އެމަނިކުފާނުވަނީ ކަމާއިބެހޭ އިދާރާތަކަށް އިރުޝާދު ދެއްވާފައެވެ.

މީގެ އިތުރުން، މި ބަލިން ރައްކާތެރިވުމުގެ ގޮތުން މިހާރު އަޅާފައިވާ ފިޔަވަޅުތަކާއި ބެހޭ މަޢުލޫމާތު ސާފުކުރައްވާ، މި ބައްޔަށް ޝައްކު ކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ޙާލަތުގައި ޢަމަލު ކުރައްވާނެ ގޮތްތަކާއި ބެހޭ މަޢުލޫމާތު ރައީސް ޞާލިޙު ވަނީ އޮޅުންފިލުއްވާފައެވެ. އަދި، މި ބަލީގެ އަސަރު އެންމެ ބޮޑަށް ފެނިފައިވާ ޗައިނާގެ ވޫހާން ޕްރޮވިންސުގައި މިވަގުތު ދިރިއުޅެމުންދާ ދިވެހީންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމާއިބެހޭ އިދާރާތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ބެހޭގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި ކަމާއިބެހޭ ވުޒާރާތަކުގެ ވަޒީރުންގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކުގެ އިސްވެރީންނާއި، ޞިއްޙީ ދާއިރާގެ މާހިރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. މީގެތެރޭގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް.)، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެން.ޑީ.އެމް.އޭ.)ގެ އޮފިޝަލުން ހިމެނި ވަޑައިގަންނަވައެވެ.

ކޮރޯނާ ވައިރަސްގައި މިހާތަނަށް ޗައިނާ އިން 100 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު މި ބަލި މިހާތަނަށް ވަނީ 4000 އަށްވުރެ ގިނަ މީހުން ޖެހިފައެވެ.

މިއަދު އޮންލައިން