މިއަދުގެ އެންމެ ބޮޑު މައްސަލަ: "ހަމަކަށަވަރުން، ﷲ ދެކެވޮޑިގެންވާކަން އޭނާ ނުދަންނަނީ ހެއްޔެވެ؟" (އަލް ޢަލަޤް: 14)

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
މިއަދުގެ އެންމެ ބޮޑު މައްސަލަ: "ހަމަކަށަވަރުން، ﷲ ދެކެވޮޑިގެންވާކަން އޭނާ ނުދަންނަނީ ހެއްޔެވެ؟" (އަލް ޢަލަޤް: 14)

މުސްލިމް މުޖުތަމައުތަކަށް ބަލައިފިނަމަ މިއަދުގެ އެންމެ ބޮޑު އެއް މައްސަލައަކީ މި ފަދަ އާޔަތްތައް ކީރިތި ޤުރްއާނުގައި އޮތްކަން ނުއެނގުމެވެ. ނުވަތަ ހަނދާން ނެތުމެވެ. 

ﷲ ތަޢާލާ އިންސާނުންނަށް އިޚްތިޔާރުތަކެއް ދެއްވަވާފައިވަނީ މުހިންމު މަޤްޞަދުތަކަކަށްޓަކައެވެ. އޭނާ އިމްތިޙާން ކުރެއްވެވުމަށެވެ. ނަމަވެސް ބާރެއް ލިބުމުން ނުވަތަ ބާރުވެރިކަމެއް ލިބުމުން އެކަން ހަނދާނަކު ނުހުރެއެވެ. ތިމާ ކުރާ ކޮންމެ ޢަމަލެއްވެސް ﷲ ތަޢާލާ ބައްލަވައިވޮޑިގެންވާ ކަމާއި މަލާއިކަތުން ލިޔުވަވަމުން ގެންދަވާކަން ހަނދާނަށް ނުވެސް އަންނަ ފަދައެވެ. 

"ހަމަކަށަވަރުން، ﷲ ދެކެވޮޑިގެންވާކަން އޭނާ ނުދަންނަނީ ހެއްޔެވެ؟" (އަލް ޢަލަޤް: 14) މިފަދަ ޢާޔަތްތައް މަތިން ގިނަގިނައިން ހަނދާންކުރާށެވެ!  

ޢާއިލީ ޙައިޞިއްޔަތުން ނަމަވެސް އަދި މުޖުތަމައުގެ ހައިސިއްޔަތުން ނަމަވެސް އެއްވެސް މީހަކަށް އެއްވެސް ބާރެއް ދެއްވަވައިފިނަމަ އެއީ ފަޚުރުވެރިކަމެއް ކަމަށް ދެކެ ބޮޑާވެ ނުގަންނާށެވެ! ﷲ ތަޢާލާ ދެއްވެވި ނިޢްމަތެއް ކަމާއި ހަވާލުކުރެއްވެވި މަސްއޫލިއްޔަތެއް ކަމަށް ދެކެ ﷲ ތަޢާލާއަށް ބިރުވެތިވާށެވެ! 

ނިޢްމަތަށް ޝުކުރުވެރިވުމަކީ އެއީއެވެ. ނިޢްމަތް ތިމާ އާއިއެކުގައިވުމަށް އެދޭ މީހާ ޝުކުރުވެރިވުން ގިނަކުރާށެވެ. ޝުކުރުވެރިވުމަކީ ނިޢްމަތް ދެއްވެވި ﷲ ތަޢާލާ ރުހިވޮޑި ނުގަންނަވާނެ ގޮތަކަށް ހަމަ އެއްވެސް ކަމެއް ނުކުރުމެވެ. ފުރިހަމައަށް ކިޔަމަންތެރިކަން އަދާކުރުންމަތީގައި ދެމިހުރުމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން