ސަރުކާރުގެ އެއްވެސް މުވައްޒިފަކު ކުޑަކުދިންގެ ކަމެއްގައި އިހުމާލުވެއްޖެނަމަ އެ މުވައްޒިފަކާ ދެކޮޅަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ފަހަތަށް ނުޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ކ. ގުރައިދޫ ގައި އެމްޑީޕީގެ ހަރުގެ ހުޅުވުމަށް މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ "އަޅުގަނޑު ތިޔަ ބޭފުޅުންނަށް މިރޭވެސް ޔަގީންކޮށް އަރުވަނީ ކުޑަކުދިންގެ ރައްކާތެރިކަމަށް މަސައްކަތް ކުރުމަށް ހަވާލުވެ ތިބި ދައުލަތުގެ އެއްވެސް މުވައްޒިފަކު އެއިން ކަމަކަށް އިހުމާލުވެއްޖެނަމަ އެކަމާ ދޭތެރޭ އަޅަންޖެހޭ ފިޔަވަޅު އެ މުވައްޒިފަކާ ދޭތެރޭ އަޅުގަނޑު އަޅާނަން" ކަމަށެވެ. އަދި ޒިންމާދާރު ކުރުވުމަށްޓަކައި ކުރަންޖެހޭ ކޮންމެ ކަމެއްވެސް ފަސްނުޖެހި ކުރާނެކަމަށް ރައިސް ވިދާޅުވިއެވެ.
ކަނޑުހުޅުދޫގައި ހިނގާދިޔަ ހާދިސާއާއި ބެހޭގޮތުން ރައިސް ވިދާޅުވީ އެއީ ވަރަށް ބޮޑުވާ ހިތާމަވެރި ހާދިސާއެއް ކަމަށާއި ކަންކަން މިހާ ހިސާބަށް އައީ ޒަމާނުއްސުރެ މިކަމާ ދޭތެރޭ އަޅާނުލެވި އޮތުމުގެ ސަބަބުން ކަމަށެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ހަރުކަށި ފިކުރާއި، މަސްތުވާތަކެތީގެ ވަބާ އަދި ކޮރަޕްޝަން ނައްތާލުގެ މަސައްކަތަކީ މިހާރުން މިހާރަށް ކުރަންޖެހިފައިވާ ކަންކަން ކަމަށެވެ.