އެންޓިކޮރަޕްޝަން ކޮމިޝަނުގެ މެންބަރުންނާއި ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި

ކިޔުމަށް ހޭދަވާނީ 1މ 33ސ
އެންޓިކޮރަޕްޝަން ކޮމިޝަނުގެ މެންބަރުންނާއި ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި

އެންޓިކޮރަޕްޝަން ކޮމިޝަނުގެ މެންބަރުންނާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ އިޔެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުވުމުގައި އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެންބަރުން ވަނީ އެ ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކާ ބެހޭގޮތުންނާއި އެކޮމިޝަނުގެ މަސައްކަތްތައް ކުރިޔަށްގެންދަވާ ގޮތާބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.

އެގޮތުން އެކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކާ ބެހޭގޮތުން ކޮމިޝަނުން އަމަލުކުރަމުންގެންދާ ޢާންމު އުސޫލުތަކާއި މަޝްރޫއެއްގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓާލުމަށް އަންގަވާ ޙާލަތްތަކުގައި އެ ކޮމިޝަނުން ގެންގުޅުއްވާ އުސޫލުތައްފަދަ މައުލޫމާތު އެންޓިކޮރަޕްޝަން ކޮމިޝަނުގެ މެންބަރުން ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރެއްވިއެވެ. ހަމަ އެހެންމެ ކޮރަޕްޝަނުގެ ޢަމަލުތައް ހުއްޓުވުމަށް ދުރާލާ ފިޔަވަޅު އެޅުމަށް ސަރުކާރުގެ އިދާރާތަކަށް ބާރު އަޅުއްވަން މަސައްކަތްކުރައްވަމުން ގެންދަވާކަން ވެސް އެ ކޮމިޝަނުގެ މެންބަރުން ފާހަގަ ކުރެއްވިއެވެ.


މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮމިޝަނުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފައެވެ. އަދި ކޮމިޝަނުގެ މަސައްކަތަށް ސަރުކާރުން ވެސް އަދި ސަރުކާރުގެ އެއްވެސް އޮފިޝަލަކު ވިޔަސް ނުފޫޒު ފޯރުވުމަށް އެދިވަޑައި ނުގަންނަވާކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.


މީގެ އިތުރުން ކޮރަޕްޝަން ހުއްޓުވުމަކީ ސަރުކާރުން އެންމެ އިސްކަން ދެއްވާ އެއް ދާއިރާކަން ފާހަގަކުރައްވައި ކޮރަޕްޝަނާމެދު ހޭލުންތެރިކަން އިތުރުކުރައްވައި ކޮރަޕްޝަން ހުއްޓުވުމުގެ މަސައްކަތްތައް އިތުރުކުރެއްވުމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮމިޝަނުގެ މެންބަރުންގެ ކިބައިން އެދިވަޑައިގަންނަވާފައެވެ.ަ

މިއަދު އޮންލައިން