ޕާކިސްތާނު ސަފީރު ރައީސް ޞާލިޙްގެ އަރިހަށް ވަދާޢީ ޒިޔާރާތް ކުރައްވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
ޕާކިސްތާނު ސަފީރު ރައީސް ޞާލިޙްގެ އަރިހަށް ވަދާޢީ ޒިޔާރާތް ކުރައްވައިފި

ޕާކިސްތާނުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ވައިސް އެޑްމިރަލް (ރިޓަޔަރޑް) ވަސީމް އަކްރަމް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް ވަދާޢީ ޒިޔާރާތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާވަނީ ޕާކިސްތާނާއި ދިވެހިރާއްޖެއާއި ދެމެދު ގައި އޮތް އަޚުވަންތަ ގުޅުން ފާހަގަކުރައްވާ، ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި، ސަފީރު ވަސީމް އަކްރަމްގެ ސަފީރުކަމުގެ ދައުރުގައި ތަޢުލީމީ، ޞިއްޙީ، އިޖްތިމާޢީ އަދި ކުޅިވަރުގެ ދާއިރާއިން ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާކުރެއްވުމަށް ކުރައްވާފައިވާ މަސައްކަތްޕުޅު ފާހަގަކުރައްވާ، ރައީސުލްޖުމްހޫރިއްޔާވަނީ އެމަނިކުފާނާއި ޕާކިސްތާނުގެ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ޕާކިސްތާނުގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި، އެ ޤައުމުގެ ސަފީރުގެ ހައިޞިއްޔަތުން ރާއްޖޭގައި ޚިދުމަތްކުރެއްވުމުގެ ފުރުޞަތު ލިބިވަޑައިގެންނެވީތީ އުފާ ކުރައްވާކަމުގައި ވިދާޅުވިއެވެ. އަދި، ރައީސުލްޖުމްހޫރިއްޔާއާއި ޕާކިސްތާނުގެ ސަފީރުވަނީ އެކުވެރި މުސްލިމް ދެ ޤައުމުގެ ގޮތުން ރާއްޖެއާއި ޕާކިސްތާނާ ދެމެދުގައި އޮތް ޒަމާންވީ ގުޅުންތައް އިތުރަށް ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ.

މިއަދު އޮންލައިން