ގިނަ ބައަކު ނަމާދުކުރަމުން އަންނަ މާލޭގެ އެންމެ ބޮޑު އެއް މިސްކިތް ކަމަށްވާ ވިޔަފާރިވެރިންގެ މިސްކިތުން ބަންގީގެ އަޑު ކެނޑުނުތާ 5 މަސް ދުވަސްވެފައިވާއިރު މިހާރުވަނީ ޚުޠުބާގެ އަޑު ވެސް ކެނޑިފައެވެ. ދަރުސް އެއް ނުދެވެއެވެ.
އިއްޔެގެ ޢަޞްރު ނަމާދަށްފަހު ދަރުސް ދެމުން ދިއައިރު މެދުކެނޑުމެއް ނެތި ސައުންޑުގެ އަޑު ކެނޑެމުން ދިއުމުން މިސްކިތުގެ އަހުލުވެރިން ދިން މައުލޫމާތުން އެނގުނު ގޮތުގައި މައްސަލަތައް އުިފެދެން ފެށީ މީގެ އެއް އަަހރުކުރިން ރޯދަމަހާއި ދިމާކޮށް މިސްކިތުގެ ސްޕީކަރު ވަގަށް ނެގުމުންނެވެ. ވަގަށް ނެގުމުން މީހަކު ހަދިޔާ ކުރި ސިސްޓަމްވެސް ވަނީ ވަގަށް ނަގައިފައެވެ.
އެއިގެ ފަހުން ތަފާތު މައްސަލަތައް ކުރިމަތިވަމުން އައިސް މިސްކިތުގެ ތާލަފިލިން ބަންގީގެ އަޑު ނުއިއްވޭތާ މިހާރު ފަސް މަސް ދުވަސް ވެއްޖެއެވެ. ހުކުރު ޚުޠުބާ މިސްކިިތުގެ ދެބުރިއަށް އަޑު އިވުމުގައި ވެސް މިހާރު ވަނީ މައްސަލަތައް ކުރިމަތިވެފައެވެ. މިސްކިތުގެ ތިރީބައަށް ޚުޠުބާގެ އަޑު ނީވޭތާ މިހާރު 6 މަސް ދުވަސް ވަނީ ވެފައެވެ.
ހެޔޮ އެދޭ ފަރާތަކުން މިހާރުވެސް ވަނީ މިސްކިތަށް ސިސްޓަމް ހަދިޔާކޮށްފައެވެ. މައްސަލަ ހައްލު ނުކުރެވި ލަސްވަމުން ދަނީ އެކަން ކޮށްދޭން ޖެހޭ ފަރާތުން އެކަން ކޮށްނުދީގެންނެވެ. އަދި އެކަން ހިލޭ ސާބަހަށް ކުރުމުގެ ހުއްދަ ވެސް ނުދީގެންނެވެ.
މިވާހަކަތަކާއި ގުޅިގެން މިސްކިތުގެ އިމާމް ވިދާޅުވީ ގިނަ މައްސަލަތަކެއް ޙައްލު ނުކުރެވި ދިގުލައިދާ ކަމަށާއި އިތުރަށް ކޮމެންޓެއް ކުރައްވަން ބޭނުންފުޅު ނޫން ކަމަށެވެ. މިނިސްޓްރީން އަޙްމަދުﷲ ޖަމީލް އާއި ސުޕަވައިޒަރު މުޞްޠަފާގެ އެހީތެރިކަމާއި އެއްބާރުލުން ލިބެމުން އަންނަ ކަމަށާއި ސިޓީ ކައުންސިލާއިމެދު އެއްވެސް ކޮމެންޓެއް ކުރައްވަން ބޭނުންފުޅު ނޫން ކަމަށެވެ.
ސިޓީ ކައުންސިލުން އެންމެ ފަހުން މިއަދުނޫހަށް ލިބުނު މައުލޫމާތުން އެނގިފައިވަނީ މިސްކިތްތަކުގެ ސައުންޑް ބެލެހެއްޓުމަކީ ސިޓީ ކައުންސިލުގެ ވެސް އަދި އިސްލާމިކް މިނިސްޓްރީގެ ވެސް ޒިންމާއެއް ނޫން ކަމާއި އެއީ ކޮމިޓީއަކުން އެކަން ހަވާލުކޮށްފައިވާ ކޮންމެވެސް ފަރާތެއްގެ ޒިންމާއެއް ކަމެވެ. އެ ފަރާތަކީ ބަންގީގެ އަޑު އިއްވައި މިސްކިތްތަކުގެ ސައުންޑް ރަނގަޅުކުރަން ވަރަށް ދެކޮޅު ބައެއްކަން މީގެ ކުރިންވެސް މިއަދުނޫހުގައި ވާނީ ފާހަގަކޮށް އެކަމުގެ ހެކި ދައްކައިފައެވެ.