މިއީ ކުޅުދުއްފުށި ސިޓީއަށް ކުރެއްވެވި ފުރަތަމަ ފުރަތަމަ ދަތުރުފުޅު ކަމަށާއި މިދަތުރުފުޅުގައި އެންމެ ބޮޑަށް ފާހަގަ ކުރެއްވެވުނު އެއް ކަމަކީ ބައްދަލުވެވަޑައިގަތް ކުޅުދުއްފުށި ރައްޔިތުންގެ ހިތްހެޔޮކަން ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ އިސްމާޢީލް މުފްތީ މެންކް ވިދާޅުވެއްޖެއެވެ.
މުފްތީ މެންކް ވިދާޅުވީ ރާއްޖޭގެ ވާހަކަ ދެކެވޭއިރު ގިނަ ބައެއްގެ ހިތަށް ވަންނާނީ ކަނޑުމަގުން އެއް ރަށުން އަނެއް ރަށަށް ދަތުރުކުރަން ޖެހޭކަން ކަމަށާއި ނަމަވެސް މިހާރު ސަރަހައްދުތައް މިދަނީ އެއާޕޯޓްތަކުން ގުޅައިލެވެމުން ކަމަށެވެ. މީގެ އިތުރުން ސިނަމާލެ ބްރިޖަކީ ދުނިޔޭގެ ފެންވަރުގެ ބްރިޖެއް ކަމަށް ވިދާޅުވެ ރާއްޖެއަށް ޢުމްރާނީ ތަރައްޤީގެ ގޮތުގައި ލިބެމުންދާ ކުރިއެރުންތަކަށް މުފްތީ މެންކް ވަނީ ތައުރީފް ކުރައްވާފައެވެ.
ރޭ އައްޑު ސިޓީގައި ދެއްވި ދަރުސްގައި މުފްތީ މެންކް ވިދާޅުވީ ޢުމްރާނީ ތަރއްޤީއިން އެކަނި ނުފުދޭނެ ކަމަށާއި މީސްތަކުންވެސް ކުރިއަރައި ދާން ޖެހޭނެ ކަމަށެވެ. އަދި މީސްތަކުން ކުރިއަރައި ދިއުމަށްޓަކައި އެންމެ މުހިންމީ ހިތުގައި އީމާންކަން ވަރުގަދަކުރުން ކަމަށެވެ.
މާދަމާ މަސްޖިދު މުޙައްމަދު ތަކުރުފާނުލްއަޢްޒަމް (އިސްލާމީ މަރުކަޒް)ގައި އިމާމެވެ ހުކުރު ކުރައްވާނީ ވެސް މުފްތީ މެންކްއެވެ. މީގެ އިތުރުން މާދަމާ ރޭ އިސްލާމީ މަރުކަޒުގައި ދަރިވަރުންނަށާއި ޒުވާނުންނަށް ޚާއްޞަ ފޯރަމެއްވެސް އިސްލާމީ މަރުކަޒުގައި ކުރިއަށް ގެންދަވާނެއެވެ.