ތިމާވެށި ހިމާޔަތްކުރަން ގްރީން ފަންޑުން ކޮންމެ އަހަރަކު 7 މިލިއަން ރުފިޔާ ޚާއްސަކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 31ސ
ތިމާވެށި ހިމާޔަތްކުރަން ގްރީން ފަންޑުން ކޮންމެ އަހަރަކު 7 މިލިއަން ރުފިޔާ ޚާއްސަކޮށްފި

ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމުގެ ގޮތުން، މޯލްޑިވްސް ގްރީން ފަންޑުން ކޮންމެ އަހަރަކު 7 މިލިއަން ރުފިޔާ ޚާއްސަކޮށްފިއެވެ. މި ފައިސާ ޚާއްސަކޮށްފައިވަނީ ތިމާވެށި ހިމާޔަތްކުރުމާއި ރައްކާތެރިކުރުމުގެ މަސައްކަތްތައް ނުވަތަ "އެންވަޔަރަމަންޓް ކޮންސަވޭޝަން އެންޑް ޕްރޮޓެކްޝަން" އަށެވެ.

މޫސުމީ ބަދަލުތަކާ ތިމާވެއްޓާ ހަކަތައާއި ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މި ނިންމުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ 52 ހަފުތާގެ ކާމިޔާބީތަކުގެ ތެރެއިން، ތިމާވެށި ރައްކާތެރިކުރުމާއި ދެމެހެއްޓުމުގެ ދާއިރާއަށް ދެއްވާފައިވާ ޚާއްސަ އަހަންމިއްޔަތުގެ ދަށުން ނިންމެވި ނިންމެވުމެކެވެ. މިއީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތްތަކަށް ދާއިމީ އަދި ޔަގީންކަން ލިބިގެންވާ ގޮތެއްގައި ބަޖެޓެއް ކަނޑައެޅިގެންދިޔަ ފުރަތަމަ ފަހަރެވެ.

މި ފިޔަވަޅުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ރަށްތަކުގެ ގޮނޑުދޮށްތައް ހިމާޔަތްކުރުމާއި، މުރަކައިގެ ފަރުތައް ރައްކާތެރިކުރުމުގެ އިތުރުން، ދިރޭތަކެތީގެ ނަސްލު ހިމާޔަތްކުރުމުގެ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ދަތިކަމެއް ނެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ. ދިވެހިރާއްޖެއަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން ނާޒުކު ހާލަތެއްގައި އޮތް ގައުމަކަށްވުމުން، މިފަދަ ދާއިމީ މާލީ އިންތިޒާމެއް ހަމަޖެހުމަކީ ކުރިއަށް އޮތް ޖީލުތަކަށް ތިމާވެށި ރައްކާތެރިކޮށްދިނުމަށް އެޅުނު މުހިންމު ބިންގަލެކެވެ.

ގްރީން ފަންޑުން އަހަރަކު 7 މިލިއަން ރުފިޔާ ކަނޑައެޅިގެން ދިއުމާއެކު، ތިމާވެށީގެ ދާއިރާގައި ހަރަކާތްތެރިވާ މަދަނީ ޖަމިއްޔާތަކަށާއި ރަށްރަށުގެ ކައުންސިލްތަކަށް ވެސް ރަށު ފެންވަރުގައި ތިމާވެށީގެ އެކި މަޝްރޫއުތައް ފަރުމާކޮށް ހިންގުމަށް ބޮޑެތި ފަސޭހަތަކަކާއި ހިތްވަރެއް ލިބިގެންދާނެ ކަމަށް ވަނީ ފާހަގަކުރެވިފައެވެ.

މިއަދު އޮންލައިން