ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް 3 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން، މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ޚާއްޞަ މެންދުރުގެ ފަރިއްކޮޅެއް ބާއްވައިފިއެވެ.
މި ފަރިއްކޮޅު އިންތިޒާމުކޮށްފައިވަނީ އެ ވުޒާރާގެ މުވައްޒަފުންގެ އިތުރުން، އެ ވުޒާރާގެ ބެލުމުގެ ދަށުން ހިންގަމުންދާ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީ.ޕީ.އޭ/އީ.އާރ.އޭ)، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫ.އާރ.އޭ) އަދި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް އޮފީސް) ގެ އެންމެހާ މުވައްޒަފުންނަށް ޚާއްޞަކޮށްގެންނެވެ.
ވަރަށް އުފާވެރި އަދި އެކުވެރި މާޙައުލެއްގައި ކުރިއަށްދިޔަ މި ފަރިއްކޮޅުގައި، މިނިސްޓަރ ޢަލީ ޝަރީފު، މިނިސްޓްރީގެ އިސްވެރިންނާއި، ދާއިރާތަކުގެ އިދާރީ ވެރިންގެ އިތުރުން ސިވިލް ސަރވިސްގެ ގިނަ ޢަދަދެއްގެ މުވައްޒަފުން ބައިވެރިވެފައިވެއެވެ.
މި ޙަރަކާތަކީ ވޭތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި މުވައްޒަފުން ކޮށްދީފައިވާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމަށާއި، މުވައްޒަފުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމުގެ މަޤްޞަދުގައި ބޭއްވުނު ކާމިޔާބު ޙަރަކާތެކެވެ.
ހަބަރު: ސަރުކާރު