ވެކްސިން ޖެހުމަކީ އެކަމުގެ ޙުކުމާމެދު ޢިލްމުވެރިންގެ މެދުގައި ޚިޔާލު ތަފާތުވުން އުފެދިފައިވާ ކަމެކެވެ. ބައެއް ޢިލްމުވެރިން ވިދާޅުވާގޮތުގައި އެއީ ހުއްދަކަމެކެވެ. އަނެއްބައި ޢިލްމުވެރިން ވިދާޅުވާގޮތުގައި އެހީ ހުއްދަކަމެއް ނޫނެވެ.
މިކަމުގައި ޚިޔާލު ތަފާތުވުން އުފެދިފައިވާ ސަބަބަކީ ވެކްސިނުގެ ސަބަބުން ގެއްލުން ލިބޭތީ އާއި ވެކްސިން މަސައްކަތްކުރާ ގޮތުގެ ސަބަބުންނެވެ. ވެކްސިނުގެ ސަބަބުން ގެއްލުން ލިބޭ ކަމަށް ޑޮކްޓަރުންނާއި ސައިންސުވެރިންނާއި އެކަމުގެ އަހުލުވެރިން އިއްތިފާޤުވެއެވެ.
ދުނިޔޭގައި ވެކްސިނާ ދެކޮޅު ޤައުމުތަކަށް ބަލާއިރު މުސްލިމް ޤައުމުތަކަށްވުރެ ގިނައީ ކާފަރު ޤައުމުތަކެވެ. ޚާއްޞަކޮށް ޔޫރަޕުގެ ޤައުމުތަކެވެ.
ވެކްސިން ނުދިނުމަކީ ދީނީ ކަމެއް ނޫނެވެ. އެއީ ދީނީ ކަމެއް ނަމަ ކާފަރު ޤައުމުތަކުގައި މިކަން މިހެން ނުވީހެވެ. ދަރީންނަށް ވެކްސިން ނުދެނީ ދީނީ ފިކުރުގެ މީހުންކަމަށް ބުނާ ބުނުމަކީ ބުހުތާނެކެވެ.
އިސްލާމީ ޢިލްމުވެރިން މިކަމާބެހޭގޮތުން ކޮށްފައިވާ ބަޙުޘްތަކަށް ބަލާއިރު، ޚުލާޞާގޮތެއްގައި ބުނެވެން އޮތީ، ވެކްސިން ޖެހުމުން ލިބޭ ގެއްލުމަށްވުރެ، ވެކްސިން ޖެހުމުން ލިބޭ ފައިދާ ބޮޑުވާކަމެވެ. ގައިން ގައަށް އަރާ ވަރަށް ގިނަ ބަލިތަކަކީ އެފަދަ ބަލިތައް ރަށެއްގައި ނުވަތަ ޤައުމެއްގައި ފެތުރިއްޖެނަމަ މުޅި ރަށުގެ އެންމެން، މުޅި ޤައުމުގެ އެންމެން މަރުވެގެން ހިނގައިދާނެ ނުރައްކާތެރި ބަލިތަކެވެ.
އަދި ދަތުރު ފަތުރު ކުރުން މިހާ ފަސޭހަވެ ގިނަވެފައިވާ ޒަމާނެއްގައި، ގައިންގައަށް އަރާ މިފަދަ ބަލިތައް ފެތުރުމުގެ ފުރުޞަތު މިހާ ބޮޑުވެފައިވާއިރު، މިކަމަށް އޮތް ރައްކާތެރިކަމުގެ އެންމެ ބޮޑު ފިޔަވަޅަކީ ވެކްސިން ކަމުގައި ކަމުގެ މާހިރުން ވިދާޅުވެއެވެ. އެހެން ކަމުން ވަކި ވަކި ފަރުދުންނަށް ވެކްސިންގެ ސަބަބުން ގެއްލުން ލިބުނު ކަމުގައި ވިޔަސް ޢާއްމުކޮށް މުޅި މުޖުތަމަޢުގެ މަޞްލަޙަތަށް ވެކްސިންގެ ސަބަބުން ލިބޭ ފައިދާ އޭގެ ފަރުދީ ގެއްލުމަށް ވުރެ ބޮޑެވެ. ވަﷲ އަޢުލަމު
ބައްލަވާ: أحكام فقهية تتعلق بالأوبئة --الشيخ محمد شافع #SheikhShafiuQA