ރާއްޖޭގައި ޖުވާ ކުޅުމުގެ ހުއްދަ ހޯދަން މަޖިލީހަށް ހުށްހެޅި ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު އިސްލާމް ދިނަށް އިސްލާމިކް މިނިސްޓްރީން ޚިދުމަތްކުރާތީ ރުޅިގަދަވެ އެ މިނިސްޓްރީ އުވާލަން ގޮވާލައިފި އެވެ.
ސައުދި ޢަރަބިޔާގައި އިސްލާމިކް މިނިސްޓްރީއެއް ނުހުންނަ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖާބިރު ދޮގުހަދާފައިވާއިރު ސައުދި ޢަރަބިޔާގައި "މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް، ދަޢުވާ އެންޑް ގައިޑޭންސް"ގެ ނަމުގައި އިސްލާމިކް މިނިސްޓްރީއެއް ހުރެއެވެ. މިހާރު ހުންނެވި މިނިސްޓަރަކީ ޝައިޚް ޢަބްދުއްލަޠީފް ބިން ޢަބްދުލްޢަޒީޒް އައްޝައިޚް އެވެ.

ސައުދީ އިސްލާމިކް މިނިސްޓަރު ކަމުގައި ކުރިން ހުންނެވި މިނިސްޓަރު ވަނީ ރާއްޖެއަށް ރަސްމީ ޒިޔާރަތެއްވެސް ކުރައްވައިފައެވެ.
މިފަދަ ދޮގު މައުލޫމާތުތައް މަޖިލީހުގައި ހާމަކޮށް ބޮޑެތި ދޮގުތައް ހަދައި ރައްޔިތުންނަށް ކަންކަން އޮޅުވައިލަމުން ގެންދާއިރުވެސް މަޖިލީހުގެ ޤަވާއިދު ބުނަނީ މަޖިލީހުގައި ދައްކާ ވާހަކަތަކަކީ ޙަޤީޤަތާއި އެއްގޮތަށް ދައްކާ ވާހަކަތަކަށް ވާން ނުޖެހޭނެ ކަމަށެވެ. ޖާބިރު ބުނީ ކީރިތި ގުރުއާނުން އިސްލާމްދީނުގެ މަގު ވަރަށް ސާފުކޮށް ދައްކުވައިދީފައިވާތީ އިސްލާމްދީނުގެ މަގު ދައްކަން ރާއްޖެއަށް މިނިސްޓަރެއް ބޭނުން ނުވާ ކަމަށެވެ.
އިސްލާމް ދީން މަތިވެރިކުރަން މަސައްކަތް ކުރަން ކީރިތި ޤުރްއާނުގެ އެތައް އާޔަތެއްގައި ބަޔާންކުރައްވަވާފައިވާއިރު ސައްތައިން ސައްތަ މުސްލިމް ޤައުމެއްގައި އިސްލާމް ދީނަށް ޚިދުމަތް ކުރާނެ މިނިސްޓްރީ އެއް ނުބަހައްޓަން ވާހަކަ ދެއްކުމަކީ އިސްލާމް ދީނުގެ ޢަދާވާތްތެރިއަކު ނޫނީ ކުރާނެ ކަމެއް ނޫންކަން ފާހަގަކުރެވެއެވެ.