ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ވަނީ ފައުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ވަގަށް ގޮވައިފައެވެ. އަދި އެމަނިކުފާނު ކުރައްވަމުން އެގެންދަވަނީ މަކަރާއި ހީލަތުން ފޭރިގެންފައިވާ ވެރިކަމެއް ކަމަށް ޖާބިރު ވަނީ ބުނެފައެވެ.
ހަމައެއާއިއެކު ޖާބިރު ވަނީ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ވަރަށް ބޮޑަށް ތަޢްރީފްވެސް ކޮށްފައެވެ.
ޖާބިރު، އެފަދަ ދޮގު އިލްޒާމްތަކެއް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހްގެ އިސްތަށިފުޅުގައި އަޅުވަމުން ގެންދިއައިރުވެސް އެމްޑީޕީގެ ސްޕަރ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެނަބަރަކު ނިޒާމީ ނުކުތާއެއްވެސް ނުނަގައެވެ. ރިޔާސަތުން ބަހެއްވެސް ނުބުނެއެވެ. އަދި ޖާބިރު ވާހަކަ ދައްކައި ނިމުމުންވެސް ރިޔާސަތުން އެއްވެސް ބަހެއް ނުބުނެއެވެ.
ރިޔާސަތުން ބަސް ބުނަން ބޭނުންވުމުން، ރިޔާސަތުން ބަސްބުނަން ބޭނުންވާ ކަންކަމުގައި މެންބަރުން ވާހަކަ ދައްކައި ނިންމުމުން ބަސްބުނަމުން ގެންދާތަން ކޮންމެ ދުވަހަކުވެސް ދަނީ ފެންނަމުންނެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް "ގިނަ ދުވަސްވަންދެން މަޖިލީހުގައި ރައީސް އިންނެވީ މަކަރާ ހީލަތުން ކަމަށް" ޖާބިރު ބުނިއިރު ކޮންމެ ދައުރަކަށްވެސް ހޮވިވަޑައިގަތީ ރައްޔިތުންގެ ވޯޓުންކަމާއި "އެމްޑީޕީއަށް ލިބުނު ވެރިކަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ފޭރިގަނެފައިވާ ކަމަށް" ޖާބިރު ބުނިއިރު ރައްޔިތުން ވޯޓުލީ ކަރުދާސްކޮޅުގައި އޮތީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ނަންފުޅުކަން މަޖިލީހުގެ މެންބަރުންނާއި ރިޔާސަތަށް މިއަދު ވަނީ ހަނދާންނެތިފައިކަން ފާހަގަކުރެވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަކީ ޓީވީތަކުން ލައިވްކުރާ އެއްޗަކަށްވާއިރު ރައީސުލްޖުމްހޫރިއްޔާގެ އިސްތަށިފުޅުގައި މިހައި ބޮޑެތި ދޮގު އިލްޒާމްތައް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެޅުވުމުންވެސް އެންމެ ކުޑަމިނުން އެއީ ދޮގުކަން ވެސް ފާހަގަކޮށްލާނެ މެންބަރަކުވެސް ނެތުމަކީ ވަރަށް ގިނަ ސުވާލުތައް އުފެދޭ ކަމެއް ކަމަސް ބުނެ ގިނަ ބައަކު ދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ. "ސޯޝަލް މީޑިއާގައި ޗޭނު ޖެހި ކުރެހުމެއް ޢާންމުވުމަށްވުރެ މިފަދަ ކަންކަމުން ލިބޭ ބަދުނާމް މާބޮޑު. އެ ފޯޓޯ ފެނުނު މީހުން އަދިވެސް ރާއްޖޭގައި މަދުވާނެ. ނަމަވެސް މިއަދުގެ ޖަލްސާ އަޑު އެހި، ބެލި މީހުން ވަރަށް ގިނަވާނެ" ކަމަށްވެސް ބައެއް މީހުން ބުނެފައިވެއެވެ.