ޑީއާރްޕީ ގެ މިހާރުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ގެ އަތުން އަނބުރާ ދައްކަވާގޮތަށް ގޮތަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ނެންގެވި ކަމަށް ބުނާ 29 މިލިއަން ރުފިޔާގެ މާފުކޮށް، އެކަމާއި ގުޅިގެން ފުލުހުންނަށް ހުށަހެޅުއްވި މައްސަލަވެސް އަނބުރާ ނަންގަވަން ޖާބިރު ނިންމަވައިފިއެވެ.
ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ޖާބިރު ވިދާޅުވީ، އެމައްސަލަ އަނބުރާ ނަންގަވާ ރައީސް މައުމޫނަށް މާފު ކޮށްދެއްވަން ނިންމެވީ، އެމަނިކުފާނުގެ މަންމާފުޅު މަރިޔަމް މަނިކުގެ އެދިވަޑައިގަތުމުގެ މަތިން ކަމަށެވެ.
"ރައީސް މައުމޫނަށް އަޅުގަނޑު މި ވަނީ މައާފު ކޮށްފައި، އެމަނިކުފާނު އަޅުގަނޑަށް ދައްކަވަން ޖެހޭ ލޯނެއް ނޯންނާނެ ދެން، އެ މައްސަލަ މި ހިސާބުން ނިމުނީ،" ޖާބިރު ވިދާޅުވެފައިވެއެވެ.
ރައީސް މައުމޫނާ ދެކޮޅަށް ފުލުހަށް ޖާބިރު މައްސަލައެއް ހުށަހެޅުއްވީ ނިމިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި އަނބުރާ ދައްކަވާ ގޮތަށް އޭނާގެ އަތުން ރައީސް މައުމޫން 29 މިލިއަން ރުފިޔާ ނަންގަވައި އެ ފައިސާ ފަހުން ނުދައްކަވާ ކަމަށް ވިދާޅުވެ އެވެ. ނަމަވެސް އެ ވާހަކަތައް ރައީސް މައުމޫން ދޮގު ކުރެއްވި އެވެ.
ރައީސް މައުމޫނާއި ދެކޮޅަށް ފުރަތަމަ އެމައްސަލަ ހުށަހެޅުއްވުމުން ފުލުހުން ނިންމެވީ އެމައްސަލަ ނުބެލުމަށެވެ. އެގޮތުން އެފަހަރު ފުލުހުން ޖާބިރަށް ފޮނުއްވި ސިޓީއެއްގައި ވަނީ، ހެކި ހުށަހަޅާނެތުމުގެ ސަބަބުން އެމައްސަލަ ނުބަލަން ނިންމަވާފައިވާ ކަމަށެވެ.
ފަހުން ޖާބިރުވަނީ 12 ހެއްކަކާއެކު އެމައްސަލަ އަލުން ހުށަހަޅުއްވާފައެވެ. އެމައްސަލައިގެ ތަހުގީގަށް ބަޔާން ނެގުމަށް ފުލުހުންގެ އިދާރާއަށް ޖާބިރު ހާޒިރުވެސް ކުރިއެވެ. ނަމަވެސް ރައީސް މައުމޫން ނެތި އެމައްސަލައިގައި ފުލުހަށް އެއްވެސް ބަޔާނެއް ދެއްވުމަށް ޖާބިރު އެދުވަހު ދެކޮޅު ހެއްދެވިއެވެ.