ދިވެހިރާއްޖެ އަކީ ސުންނީ މުސްލިމް ޤައުމެއް ކަމަށާއި ކެސިނޯ އަޅަން ހުއްދަނުދީ ބަނގުރަލާއި އޫރު މަސް ރާއްޖޭގައި ވިއްކުން މިހާރުން މިހާރަށް މަނާކުރުވަން ބޭނުން ކަމަށާއި ޖުވާ ކުޅެން ކެސިނޯ އަޅައި ހިންގަން މަނާކުރަނީ ކޮން ޤާނޫނަކުންކަން އެނގިވަޑައިގަންނަވަން ބޭނުންވާކަމަށް ވިދާޅުވެ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙިދާއި ސުވާލު ކުރައްވައިފިއެވެ.
ޖާބިރު ޢަލީ ވަޙީދާއި ސުވާލު ކުރެއްވީ މިއަދު ބޭއްވި މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުވުމުގައެވެ.

ޖަވާބުގައި ޢަލީ ވަޙީދު ވިދާޅުވީ ބަނގުރަލާއި އޫރު މަހުގެ ވިޔަފާރި ކުރަން ހުއްދަ ދެނީ ފަތުރުވެރިކަން ކުރިއެރުވުމަށް ކަމަށާއި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނުތަކުގެ ދަށުން ކަމަށާއި ކެސިނޯ ހިންގަން ހުއްދަ ދިނުމުގެ ވިސްނުމެއް މިސަރުކާރުގައި އަދި ނެތް ކަމަށެވެ. އަދި މިސަރުކާރުން ރާއްޖޭގެ ފަތުރުވެރިކަން ކުރިއަށް ގެންދާނީ އިސްލާމް ދީނުގެ ހަމަތަކާއި ރުކުންތައް ހިމާޔަތްކޮށްގެން ކަމަށެވެ.
ޢަލީ ވަޙީދު ވިދާޅުވީ ޖާބިރަކީ ވެސް ޤާނޫނާއި ޤަވާއިދުގެ ތެރެއިން ރިޒޯޓެއް ހިންގައި ބަނގުރާ ވިއްކާ މީހެއް ކަމަށެވެ.
ކޮމިޓީގެ ބައްދަލުވުމުގައި ޖާބިރު ވަނީ ކޮމިޓީގެ ރިޔާސަތުން ތަކުރާރުކޮށް އެދުމުން ވެސް އަޑުގަދަކުރުން ނުހުއްޓައި އަޑުގަދަކޮށް ކޮމިޓީ ކުރިއަށް ގެންދަން ހުރަސްތައް ކުރިމަތިކޮށްފައެވެ.