ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ ޙާއްސަ މަންދޫބެއް ކަމުގެ މަގާމަށް އައްޔަނު ކުރައްވާފައިވާ އަބްދުﷲ ޖާބިރު ހައްދަވަނީ އިތުރުފުޅެއް ކަމަށާއި، ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އެއްވެސް ފައިސާއެއް އޭނާ ދީފައިނުވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން އަށް 29 މިލިއަން ރުފިޔާ ދެއްވި ކަމަށް ބުނެ ޖާބިރު ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ ވިލިނގިލީ/ކޮލަމާފުށި ދާއިރާގެ މެމްބަރަކަށް ދެން ވެވަޑައިގަންނަވާނީ އެމްޑީޕީ ތަމްސީލު ކުރައްވާ މެމްބަރެއްގެ ގޮތުގައި އޭނާގެ އަނބިކަނބަލުން ދިޔާނާ ސައީދު ކަމަށް ޔަގީން ކުރައްވާ ކަމަށާއި އެކަމަށް ރައީސް މައުމޫން ހުރަހަކަށް ނުވާނެ ކަމަށެވެ. މިއާއެކު ޖާބިރު ވިދާޅުވީ އެމްޑީޕީ ކޯލިޝަނަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި ކެމްޕެއިން ކުރައްވަން ރައީސް މައުމޫނަށް 29 މިލިއަން ރުފިޔާ ދެއްވި ކަމަށެވެ.
ޖާބިރުގެ ޓްވީޓާއި ގުޅިގެން ރައީސް މައުމޫން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް 29 މިލިއަން ރުފިޔާ އެމަނިކުފާނަށް ދެއްވި ކަމަށް ބުނެ ޖާބިރު ހައްދަވާފައިވަނީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށާއި ރިޔާސީ ކެމްޕެއިނަށް ރައީސް މައުމޫނާއި ކެމްޕެއިންގައި ހަރަކާތްތެރިވި މައުމޫން ރީފޯމް މޫވްމެންޓްގެ ހީވާގި ޓީމަށް ވެސް ޖާބިރު އެއްވެސް ފައިސާއެއް ދީފައި ނުވާނެ ކަމުގެ ޔަގީންކަން އެންމެހާ ރައްޔިތުންނަށް އަރުވާ ކަމަށެވެ.
ވިލިނގިލި ދާއިރާއަކީ ރައީސް މައުމޫނަށް ބޮޑު ތާއީދެއް އޮންނަ ދާއިރާއެކެވެ.