ކުދި ޖަޒީރާ ތަރައްޤީވަމުން އަންނަ ޤައުމުތައް (ސިޑްސް) އޮތް ނާޒުކު ޙާލަތަކީ، ލުއިފަސޭހަ ގޮތެއްގައި ކްލައިމެޓް ފައިނޭންސް ހޯދުމަށް އޮތް ހުރަހަކަށް ނުވާނެކަން ކަށަވަރުކުރުމަށްޓަކައި، ބައިނަލްއަޤްވާމީ މާލީ އޮނިގަނޑު އިޞްލާޙުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ، ކޮޕް31 ގެ ހަވާސާގައި އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އެއޯސިސް) ގެ ލީޑަރުންނާއި އދ. ގެ ސެކްރެޓަރީ ޖެނެރަލް ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، 2040 ވަނަ އަހަރު އަންނަންވާއިރަށް ދިވެހިރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް އަމާޒުހިފާފައިވާއިރު، މި އަމާޒަށް ވާސިލުވުމަށް އޮތް އެންމެ ބޮޑު އެއް ހުރަހަކީ މޫސުމީ ބަދަލުތައްކަން ފާހަގަކުރެއްވިއެވެ. އަދި މިހާރު އެންމެ ބޮޑު އިސްކަމެއް ދޭންޖެހިފައިވަނީ ކްލައިމެޓް ފައިނޭންސާއި، މާލީ ނިޒާމު އިޞްލާޙުކުރުމާއި، ކަންކަން ތަންފީޛުކުރުމުގެ މައްޗަށް ބިނާކޮށް ޢަމަލީ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
ކްލައިމެޓް ފައިނޭންސްގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކްލައިމެޓް ފައިނޭންސް ނުވަތަ މޫސުމީ ބޭނުމަށް ދެވޭ މާލީ އެހީތެރިކަމަކީ އެކަށީގެންވާ މިންވަރަކަށް، ފަސޭހައިން ލިބޭ، ޔަޤީންކަން އޮތް އަދި ހިލޭ އެހީގެ ގޮތުގައި ލިބޭ އެއްޗަކަށް ވާންޖެހޭނެކަމަށެވެ. ޚާއްޞަގޮތެއްގައި ކުރިއަށް ލަފާކުރާ "ސުޕަރ އެލް ނީނޯ" ގެ އަސަރުތަކަށް ރިޢާޔަތްކޮށް، މޫސުމީ ބަދަލުތަކަށް ހޭނުމަށް ދޭ މާލީ އެހީ (އެޑެޕްޓޭޝަން ފައިނޭންސް) އިތުރުކުރުމަށާއި، "ލޮސް އެންޑް ޑެމޭޖް ފަންޑު" އަށް އަވަހަށް ފައިސާ ޖަމާކޮށް ފުރިހަމަކުރުމަށް އެ މަނިކުފާނު ގޮވާލެއްވިއެވެ.
މި މައްސަލަ އުފެދުމުގައި ކުޑަވެސް ޙިއްޞާއެއް ނެތް ޤައުމުތަކުން، މި ކާރިސާއާ ކުރިމަތިލުމަށްޓަކައި ބޮޑު އިންޓަރެސްޓުގައި ދަރަނި ނަގަން މަޖުބޫރުވެގެން ނުވާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި މޫސުމީ ބަދަލުތަކާ ދެކޮޅަށް އަޅާ ފިޔަވަޅުތަކަކީ ތަރައްޤީއަށް ހުރަސްއެޅޭ، ނުވަތަ ނާޒުކު ޤައުމުތަކަށް ނުއުފުލޭފަދަ ދަރަނީގެ ބުރައެއް އުފުލަންޖެހޭ ކަމަކަށް ވެގެން ނުވާނެކަމަށްވެސް އެމަނިކުފާނު އިތުރަށް ވިދާޅުވިއެވެ.
މާލީ ނިޒާމު އިޞްލާޙުކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، މިހާރު މާލީ އެހީތެރިކަން ފޯރުކޮށްދޭ އިންތިޒާމުތައް ހުރި ގޮތުން ނާޒުކު ޤައުމުތަކަށް ބޮޑު އަގުގައި ދަރަނި ނެގުމަށް މަޖުބޫރު ވެފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި މީގެ ސަބަބުން އެ ޤައުމުތަކުގެ ދަރަނީގެ ބުރަ އިތުރަށް ބޮޑުވެ، މާލީ ގޮތުން ޚަރަދުކުރުމުގެ ޖާގަ ހަނިވެގެންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންކަމުން، މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމުގެ ޤާބިލުކަން އިތުރުކުރުމަށް ކުރާ އިންވެސްޓްމަންޓްތަކުގެ ދިގު މުއްދަތުގެ އިޤްތިޞާދީ ފައިދާ ވަޒަންކުރުމަށް ބައިނަލްއަޤްވާމީ މާލީ އިދާރާތަކަށާއި ކްރެޑިޓް ރޭޓިންގ އޭޖެންސީތަކަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
ކަންކަން ތަންފީޛުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، މޫސުމީ ބަދަލުތަކާ ގުޅޭގޮތުން ވާ ވަޢުދުތަކަކީ ޢަމަލީ ގޮތުން ނަތީޖާ ފެންނަ ކަންކަމަށް ބަދަލުވާންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ގްލޯބަލް އެލެކްޓްރިފިކޭޝަން (ފޮސިލް ފިއުލް އެންދުމުގެ ބަދަލުގައި އިލެކްޓްރިކް އެހެނިހެން ހަކަތައިގެ ވަސީލަތްތައް ބޭނުންކުރުން)، ކުނި މެނޭޖްކުރުން، ސަރކިއުލަރ އިކޮނޮމީ މޮޑެލް އަދި މޫސުމީ ބަދަލުތަކަށް ވިލުންތެރި ސިޓީތައް ބިނާކުރުމަށް ކޮޕް31 ގައި ފަށާފައިވާ އިސްނެގުންތަކަށް ރައީސުލްޖުމްހޫރިއްޔާ މަރުޙަބާ ވިދާޅުވިއެވެ. އަދި މި މަސައްކަތްތަކަށް އެކަށީގެންވާ މާލީ އެހީތެރިކަމާއި، ޓެކްނޮލޮޖީ ފޯރުކޮށްދިނުމާއި، ޢަމަލީ ގޮތުން ތަންފީޛުކުރުމުގެ އެހީތެރިކަން ލިބެންޖެހޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކުދި ޖަޒީރާ ޤައުމުތަކުން އެދެނީ ޞަދަޤާތަކަށް ނުވަތަ ހަމްދަރުދީއަކަށް ނޫންކަމަށާއި، އެ ޤައުމުތަކުން އެދެނީ މޫސުމީ އިންޞާފަށްކަން ރައީސުލްޖުމްހޫރިއްޔާ ކަށަވަރުކޮށްދެއްވިއެވެ. އަދި މަލްޓިލެޓަރަލިޒަމްގެ ޙަޤީޤީ އިމްތިޙާނަކީ ވެވޭ ވަޢުދުތަކެއް ނޫން ކަމަށާއި، ނެރެދެވޭ ނަތީޖާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒްގެ ދައުރުގައި ކުދި ޖަޒީރާ ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ދެއްވަމުންގެންދަވާ ސާބިތު އެއްބާރުލެއްވުމަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ. އަދި އެމަނިކުފާނުގެ ދައުރު ނިމުމަކާ ގާތްވަމުންދާތީ އެމަނިކުފާނަށް ހެޔޮ އެދުންތައް އަރިސްކުރެއްވިއެވެ.