ކޮންމެ ކަހަލަ ނުކުޅެދުންތެރިކަމެއް ހުރި ނަމަވެސް ހަމަހަމަ ފުރުޞަތު ހޯދައިދޭނަން: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 49ސ
ކޮންމެ ކަހަލަ ނުކުޅެދުންތެރިކަމެއް ހުރި ނަމަވެސް ހަމަހަމަ ފުރުޞަތު ހޯދައިދޭނަން: ރައީސް

ކޮންމެފަދަ ނުކުޅެދުންތެރިކަމެއް ހުރި ނަމަވެސް، ތަޢުލީމީ ދާއިރާއިންނާއި ވަޒީފާގެ މާޙައުލުން ހަމަހަމަ ފުރުޞަތުތައް ފަހިކޮށްދެއްވުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއްދީގެން މަސައްކަތްކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި އެމީހުންގެ ކަންބޮޑުވުންތައް އޮޅުންފިލުއްވުމަށް ސަރުކާރުން ކުރިއަށްގެންދަވާ "ރައްޔިތުންގެ އަޑު" ޕްރޮގްރާމްގެ 13 ވަނަ އެޕިސޯޑުގައި ބައިވެރިވި އާއިލާއެއްގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށްފަހުގައެވެ. އެ ބައްދަލުވުމުގައި ބައިވެރިވި އާއިލާއަކީ އަޑުއިވުމުން މަޙްރޫމްވެފައިވާ ތިން ކުދިން ބަލައިބޮޑުކުރަމުން އަންނަ އާއިލާއެކެވެ.

އެ އާއިލާއިން ފާހަގަކުރި ގޮތުގައި، ގްރޭޑް 7 ގައި ކިޔަވަމުންދާ އެއްމާބަނޑު ދެ ކުދިންގެ ކްލާހުގައި 30 އެއްހާ ކުދިން ތިބުމުގެ ސަބަބުން މުދައްރިސުންނަށް ބޭނުންވާ ޚާއްޞަ އެހީތެރިކަން ފޯރުކޮށްދިނުމުގައި ބޮޑެތި ދަތިތަކާ ވަނީ ކުރިމަތިލާންޖެހިފައެވެ. އަދި ގިނަ ސްކޫލްތަކުގައި ޚާއްޞަ އެހީއަށް ބޭނުންވާ އެކަށީގެންވާ ވަސީލަތްތައް ނެތްކަން ވެސް އާއިލާއިން ފާހަގަކުރިއެވެ. މީގެއިތުރުން، އެ ކުދިން ބޭނުންކުރާ އަޑުއިވޭ ޑިވައިސްތަކަށް ބޭނުންވާ ސާމާނު ރާއްޖެއިން ލިބެން ނުހުންނާތީ އަވަށްޓެރި ޤައުމުތަކުން ހޯދަން ޖެހޭއިރު، އެންސްޕާއަށް ހުށަހަޅައިގެން ވެސް އެކަށީގެންވާ އެހީތެރިކަމެއް ލިބިފައިނުވާ ކަމަށް އާއިލާއިން ބުންޏެވެ.

ވަޒީފާގެ ބާޒާރުގައި ހުރި ހުރަސްތަކާ ގުޅޭގޮތުން ވާހަކަދައްކަމުން އެ އާއިލާއިން ބުނީ، ދޮށީ ދަރިފުޅު ޑިގްރީ ފެންވަރަށް ކިޔަވަމުންދިޔަ ނަމަވެސް، އަޑުއިވުމާއި ވާހަކަދެއްކުމުގައި ހުރި ދަތިތަކުގެ ސަބަބުން އުންމީދުކުރާ ވަޒީފާއެއް ހޯދުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

އާއިލާގެ މި ކަންބޮޑުވުންތަކަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެއީ ސަރުކާރުން ނުހަނު ސީރިއަސްކޮށް ބައްލަވާނެ ކަންތައްތަކެއް ކަމަށެވެ. އަދި ކޮންމެ ފަދަ ނުކުޅެދުންތެރިކަމެއް ހުރި ނަމަވެސް، ތަޢުލީމު ހާސިލުކުރުމާއި މުޖުތަމަޢުގައި ހަމަހަމަކަމާއެކު ވަޒީފާ އަދާކުރުމުގެ ފުރުޞަތު ފަހިކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.

މިއަދު އޮންލައިން