ފަލަސްޠީނުގެ ރައްޔިތުން ދުވަހަކުވެސް އެކަނިވެރިވިޔަ ނުދޭނެ: ރައީސް ޑރ.މުޢިއްޒު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 33ސ
ފަލަސްޠީނުގެ ރައްޔިތުން ދުވަހަކުވެސް އެކަނިވެރިވިޔަ ނުދޭނެ: ރައީސް ޑރ.މުޢިއްޒު

ތުރުކީވިލާތުގެ އަންތާލިޔާގައި މިހާރު ކުރިއަށްދާ ކޮޕް31 ސަމިޓުގެ ހަވާސާގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ފަލަސްޠީނުގެ ބޮޑުވަޒީރު، ހިޒް އެކްސަލަންސީ ޑޮކްޓަރ މުޙައްމަދު މުޞްޠަފާއާ ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ފަލަސްޠީނުގެ އަޚުންނާއި އުޚުތުންނާއެކު ދިވެހިރާއްޖެއިން އެއްވެސް ޝަރުތަކާ ނުލައި، ސާބިތުކަމާއެކު ދެމިތިބިކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި މިނިވަންކަމާއި، ކަރާމާތާއި، އިންސާފާއި އަމިއްލަ އިޚްތިޔާރު ހޯދުމަށް ފަލަސްޠީނުގެ ރައްޔިތުން ކުރަމުންދާ ޙައްޤު ޖިހާދަށް ރާއްޖެއިން އަބަދުވެސް ފުރިހަމައަށް ތާއީދުކުރާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. މީގެއިތުރުން، މި އެއްބައިވަންތަކަމަކީ ދިވެހިންގެ ހިތްތަކުގައި ބިންވަޅުނެގިފައިވާ ޤައުމީ ޢަޤީދާއާއި އިންސާނިއްޔަތާއި އިންސާފަށް، ރާއްޖެއިން ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި، ފަލަސްޠީނު ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކުރުމަށް ރާއްޖެއިން ކުރާ މަސައްކަތާއި ދެމުންދާ އެއްބާރުލުން ދެގޮތެއްނުވެ ދެމިއޮންނާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. މީގެ ތެރޭގައި، 1967ގެ ކުރިން އޮތް ސަރަޙައްދީ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސަކީ އެޤައުމުގެ ވެރިރަށް ކަމުގައި ކަނޑައަޅައި، މިނިވަން އަދި މުސްތަޤިއްލު ފަލަސްޠީނުގެ ދައުލަތެއް ޤާއިމުކުރުމުގެ ޙައްޤު ހިމެނޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ފަލަސްޠީނުގެ ރައްޔިތުން ދުވަހަކުވެސް އެކަނިވެރި ނުވާނެ ކަމުގެ ޔަޤީންކަން އަރުވަމުން، އެބައިމީހުންނަށް އިންސާފާއި މިނިވަންކަން ލިބި، ދާއިމީ ޞުލްޙަ ޤާއިމުވަންދެން ރާއްޖެއިން އަބަދުވެސް ފަލަސްޠީނާއެކު ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.

މިއަދު އޮންލައިން