ތުރުކީވިލާތުގައި މިހާރު ކުރިއަށްދާ އދގެ ކޮޕް31 ގެ ހަވާސާގައި ބޭއްވި، ޒީރޯ ވޭސްޓް މިއުޒިއަމް ހުޅުވުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންފިއެވެ.
ޒީރޯ ވޭސްޓް މިއުޒިއަމްގައި، ޒީރޯ ވޭސްޓް މޫވްމަންޓްގެ ނުވަ އަހަރުގެ ދަތުރު ދައްކުވައިދޭއިރު، ތުރުކީވިލާތުގައާއި ބައިނަލްއަޤްވާމީ ފެންވަރުގައި ހޯދާފައިވާ ކާމިޔާބީތަކާއި، ސަރކިއުލަރ އިކޮނޮމީ ނުވަތަ އިޔާދަކުރަނިވި އިގުތިސާދަކަށް ކޮށްފައިވާ ކަންކަމުގެ މިސާލުތައް ދައްކުވައިދީފައިވެއެވެ. ސަރކިއުލަރ އިކޮނޮމީއަކީ އުފައްދާ ތަކެތި އުކާލުމުގެ ބަދަލުގައި، އެތަކެތި އަލުން ބޭނުންކޮށް އަދި ރީސައިކަލްކޮށްގެން ކުނި އުފެދޭ މިންވަރު މަދުކުރާ އިޤްތިޞާދީ ނިޒާމެކެވެ.
ޒީރޯ ވޭސްޓް މިއުޒިއަމްގައި ދައްކާލާފައިވާ ކަންކަމާއި ތަކެތީގެ ތެރޭގައި، ކުނިން ތިމާވެއްޓަށް ކުރާ އަސަރުތަކާއި، ރީސައިކަލްކުރާ މަރުޙަލާތަކާއި، ޤުދުރަތީ ވަސީލަތްތައް ރައްކާތެރިކުރުމާއި، ކުނި އަލުން ބޭނުންކުރުމާއި ކުނި ބޭނުންކޮށްގެން ފަންނުވެރި އުފެއްދުންތައް ތައްޔާރުކުރުމުގެ އާދަތައް ހިމެނެއެވެ. އަދި އިންޓަރެކްޓިވް ޑިސްޕްލޭތަކާއި، ޑިޖިޓަލް އެޕްލިކޭޝަންތަކާއި ކުރެހުންތަކާއި އެ ފަންނުގެ އިތުރު އުފެއްދުންތައް މި މިއުޒިއަމްގައި ހިމެނެއެވެ.
މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ޒީރޯ ވޭސްޓް މިއުޒިއަމް ބައްލަވާލައްވައި، މުސްތަޤުބަލަށް އަމާޒުކޮށް '2035 ވިޝް ވޯލް' ގައި މެސެޖެއް ޙިއްޞާކުރައްވާފައެވެ. މީގެ އިތުރުން 30 އަހަރަށްވުރެ ގިނަ ދުވަސްވީ ޒައިތޫނި ގަހެއްގެ ވަށައިގެން ހަދާފައިވާ 'ޕްލެޖް ޓްރީ' ގައި، ތިމާވެއްޓާ ގުޅޭގޮތުން ވެވޭ ވަޢުދުތައް ފަތެއްގެ ސިފައިގައި ހަދާފައިވާ ކާޑުތަކެއްގައި ލިޔުމުގެ ފުރުޞަތު ޒިޔާރަތްކުރާ ފަރާތްތަކަށް ފަހިކޮށްދީފައި ވެއެވެ.
މި މިއުޒިއަމްގެ ސަބަބުން، ޒީރޯ ވޭސްޓް ކުރިއެރުވުމުގައި ތުރުކީވިލާތުގެ ތަޖުރިބާ ބައިނަލްއަޤްވާމީ ފަރާތްތަކަށް ތަޢާރަފުކުރުމުގެ އިތުރުން، އެފަދަ ވަސީލަތްތައް އެކަށީގެންވާ ގޮތެއްގައި ބޭނުންކުރުމަށާއި ސަރކިއުލަރ އިކޮނޮމީއަށް މީހުން ހޭލުންތެރިކުރުވައެވެ.