ކޮޕް31 ސަމިޓުގެ ހަވާސާގައި ރައީސް ޑރ. މުޢިއްޒު އެކި ޤައުމުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 26ސ
ކޮޕް31 ސަމިޓުގެ ހަވާސާގައި ރައީސް ޑރ. މުޢިއްޒު އެކި ޤައުމުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފި

ތުރުކީވިލާތުގެ އަންތާލިޔާގައި މިހާރު ކުރިއަށްދާ ކޮޕް31 ސަމިޓުގެ ހަވާސާގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެކި ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ. މި ސަމިޓަކީ މި ހިނގާ ނޮވެމްބަރު މަހުގެ 11 އިން 14 އަށް ކުރިއަށްގެންދާ ސަމިޓެކެވެ.

ކޮޕް ސަމިޓަކީ 1992 ވަނަ އަހަރު ވުޖޫދުކުރެވުނު އދ. ގެ ތާރީޚީ މޫސުމީ މުޢާހަދާ ކަމަށްވާ ޔޫއެންއެފްސީސީސީގެ ދަށުން ބާއްވަމުން އަންނަ 31 ވަނަ ބައްދަލުވުމެވެ. ތުރުކީވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮޕް ސަމިޓު ފެށުމުގެ ރަސްމިއްޔާތުގެ އިތުރުން، ސަމިޓުގެ ތެރެއިން ބޭއްވުނު މުހިންމު އެކި ސެޝަންތަކުގައިވެސް ބައިވެރިވެވަޑައިގެންފައެވެ.

މި ސެޝަންތަކުގެ ހަވާސާގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވި ބޭފުޅުންގެ ތެރޭގައި އެންޓީގުއާ އެންޑް ބާބިއުޑާގެ ބޮޑުވަޒީރު ގޭސްޓަން ބްރައުން އާއި، ބާބޭޑޯސްގެ ބޮޑުވަޒީރު މިއާ އަމޯރ މޮޓްލީ އަދި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޠާރިޤް ރަޙްމާނާއި އެމަނިކުފާނުގެ އަނބިކަބަލުން ޒުބައިދާ ރަޙްމާން ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން ވޯލްޑް ބޭންކް ގްރޫޕުގެ ރައީސް އަޖޭ ބާންގާ އާވެސް ރައީސް ވަނީ ބައްދަލުކުރައްވާފައެވެ.

އަދި ހަމައެއާއެކު، ރަޝިއަން ފެޑެރޭޝަންގެ ރައީސްގެ ފަރާތްޕުޅުން މޫސުމާއި ފެނުގެ ވަސީލަތްތަކާ ބެހޭ ޚާއްޞަ މަންދޫބު (ސްޕެޝަލް ޕްރެޒިޑެންޝަލް ރެޕްރެޒެންޓޭޓިވް ފޯ ކްލައިމެޓް އެންޑް ވޯޓަރ ރިސޯސަސް) ރުސްލާން އެޑެލްގެރިއެވް އާވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ބައްދަލުކުރައްވާ މަޝްވަރާކުރައްވާފައެވެ.

މިއަދު އޮންލައިން