ކޮޕް31 ގެ ހަވާސާގައި އޭޑީބީން ބޭއްވި ޕެނަލް ޑިސްކަޝަނެއްގައި ޑިރެކްޓަރ ޖެނެރަލް އަމްޖަދު ޢަބްދުﷲ ބައިވެރިވެވަޑައިގެންފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 30ސ
ކޮޕް31 ގެ ހަވާސާގައި އޭޑީބީން ބޭއްވި ޕެނަލް ޑިސްކަޝަނެއްގައި ޑިރެކްޓަރ ޖެނެރަލް އަމްޖަދު ޢަބްދުﷲ ބައިވެރިވެވަޑައިގެންފި

ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ބާއްވާ ކޮޕް31 (COP31) ސަމިޓުގެ ހަވާސާގައި، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން އިންތިޒާމުކޮށްގެން ބޭއްވި ޕެނަލް ޑިސްކަޝަނެއްގައި ދިވެހިރާއްޖޭގެ ޑިރެކްޓަރ ޖެނެރަލް އަމްޖަދު ޢަބްދުﷲ ބައިވެރިވެވަޑައިގެންފިއެވެ.

މި ޕެނަލް މަޝްވަރާއަކީ އައްސޭރިފަށުގެ ސަރަޙައްދުތައް ހިމާޔަތްކުރުމާއި، މޫސުމީ ވިލުންވެރިކަން (ކޯސްޓަލް ރެޒިލިއަންސް) އިތުރުކުރުމާ ގުޅޭގޮތުން ބޭއްވުނު މުހިންމު ސެޝަނެކެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑިރެކްޓަރ ޖެނެރަލް އަމްޖަދު ޢަބްދުﷲ ވަނީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ރަށްތަކުގެ ގޮނޑުދޮށްތަކަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުން އަރައިގަތުމަށް ރާއްޖެއިން ހޯދާފައިވާ ކާމިޔާބީތަކާއި، މި ދާއިރާއިން ރާއްޖެއިން އިސްކަންދޭ މުހިންމު ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ނާޒުކު ތިމާވެއްޓެއް އޮތް ދިވެހިރާއްޖެ ފަދަ ޖަޒީރާ ޤައުމަކަށް އައްސޭރިފަށުގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، މޫސުމީ ބަދަލުތަކަށް ހޭނުމަށްޓަކައި ރާއްޖެއިން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް އެދެވޭ މިންވަރެއްގައި އަދި އެކަށީގެންވާ އަވަސްމިނެއްގައި ޙާޞިލުކުރުމަށްޓަކައި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެހީތެރިކަން އިތުރުކުރަންޖެހޭ ކަމަށް އަމްޖަދު ވިދާޅުވިއެވެ. ޚާއްޞަކޮށް، މާލީ އެހީތެރިކަމާއި ފަންނީ އެއްބާރުލުން ފުޅާ ދާއިރާއެއްގައި ލިބުމަކީ، މިފަދަ މަޝްރޫޢުތައް ވަގުތުން ވަގުތަށް ތަންފީޛުކުރުމަށް ކޮންމެހެން މުހިންމު ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

މި ސަމިޓުގައި ދިވެހިރާއްޖެއިން އަންނަނީ ތިމާވެށީގެ ގޮތުން ނާޒުކު ޤައުމުތަކުގެ އަޑު ބައިނަލްއަޤްވާމީ މައިދާނުގައި އުފުލައި، މޫސުމީ މާލީ އެހީ ހޯދުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މިއަދު އޮންލައިން