10 ވަނަ ބައިނަލްއަޤްވާމީ ނައިޓްރޯޖަން ކޮންފަރެންސް (އިންޓަނޭޝަނަލް ނައިޓްރޯޖަން ކޮންފަރެންސް 2026) ގައި މޫސުމީ ބަދަލުތަކާ ތިމާވެއްޓާ ހަކަތައާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މުޢާވިޔަތު މުޙައްމަދު އަދި ސީނިއަރ އެއަރ ކޮލިޓީ މެނޭޖްމަންޓް އޮފިސަރ ފާޠިމަތު އިމްތިނާން ޢާމިރު ބައިވެރިވެވަޑައިގެންފިއެވެ.
މި ކޮންފަރެންސްގެ ތެރެއިން ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔޫ.އެން.އީ.ޕީ) އިން އިންތިޒާމުކޮށްގެން ބޭއްވި މަތީ ފަންތީގެ "ސައިންސް-ޕޮލިސީ ޑައިލޮގް" ގެ ޕެނަލިސްޓެއްގެ ގޮތުގައި ޑރ. މުޢާވިޔަތު މުޙައްމަދު ވަނީ ވާހަކަފުޅު ދައްކަވާފައެވެ. މި ޕެނަލް މަޝްވަރާގައި، ނައިޓްރޯޖަން މެނޭޖްކުރުމާ ގުޅޭގޮތުން ސައިންޓިފިކް ހޯދުންތަކުގެ އަލީގައި ސިޔާސަތުތައް އެކަށައެޅުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.
ތިމާވެށީގެ ދުޅަހެޔޮކަން ރައްކާތެރިކުރުމަށާއި، ޖައްވަށް ދޫކުރެވޭ ވިހަ ގޭސްތައް ކޮންޓްރޯލްކޮށް ވައިގެ ސާފުމިންވަރު ރަނގަޅު ކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވެމުންދާ މަސައްކަތްތަކުގައި ދިވެހިރާއްޖެއިން އަންނަނީ އިސްދައުރެއް އަދާކުރަމުންނެވެ.
މިފަދަ މުހިންމު ބައްދަލުވުންތަކުގައި ރާއްޖެއިން ބައިވެރިވުމަކީ ތިމާވެށީގެ ގޮންޖެހުންތަކުން އަރައިގަތުމަށް ބައިނަލްއަޤްވާމީ އެހީތެރިކަމާއި ތަޖުރިބާ ހޯދުމަށާއި، ރާއްޖޭގެ ތިމާވެށީގެ ސިޔާސަތުތައް ހަރުދަނާކުރުމަށް ލިބިގެންދާ އަގުހުރި ފުރުޞަތެކެވެ.