ކުނި މަދު ވެއްޓެއް ބިނާކުރުމަކީ ދިވެހރާއްޖޭގެ ދެމިއޮތުމާ ގުޅިފައިވާ ކަމެއް: މެޑަމް ސާޖިދާ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 46ސ
ކުނި މަދު ވެއްޓެއް ބިނާކުރުމަކީ ދިވެހރާއްޖޭގެ ދެމިއޮތުމާ ގުޅިފައިވާ ކަމެއް: މެޑަމް ސާޖިދާ

ކުނި މަދު ވެއްޓެއް ބިނާކުރުމަކީ ހަމައެކަނި ތިމާވެށީގެ އަމާޒަކަށް ހެދުމުގެ ބަދަލުގައި، އެއީ އަންނަން އޮތް ޖީލުތަކަށް ވެވޭ ވަޢުދަކަށް ވާންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ ދުނިޔޭގެ ޤައުމުތަކުގެ ވެރިންގެ އަނބިކަނބަލުންނަށް ޚާއްޞަކޮށްގެން ބޭއްވި 'ގްލޯބަލް ޒީރޯ ވޭސްޓް އެލަޔަންސް' ގެ މަތީ ފަންތީގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވަނީ ރާއްޖޭގެ ތިމާވެށީގެ ޙާލަތާއި، ކުނި މެނޭޖްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ދިވެހިރާއްޖެއަކީ ތިމާވެށީގެ ގޮތުން ނާޒުކު ޖަޒީރާ ޤައުމަކަށްވާތީ، ތިމާވެށި ރައްކާތެރިކުރުމަކީ ސިޔާސީ ކަމަކަށްވުރެ ބޮޑަށް މުޅި ޤައުމުގެ ދެމިއޮތުމާ ސީދާ ގުޅިފައިވާ މުހިންމު ކަމެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ޕްލާސްޓިކާއި ކުނީގެ ސަބަބުން ޤުދުރަތީ ހަމަހަމަކަމަށް ނުރައްކާވަމުންދާކަން ބަޔާންކުރައްވަމުން އެކަމަނާ ވިދާޅުވީ، ކުންޏަކީ އަމިއްލައަށް ނެތިގެންދާނެ އެއްޗެއް ނޫން ކަމަށެވެ. އަދި ކަނޑަށް އެޅޭ ކުނީގެ ސަބަބުން ފަރުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، އެ ތަކެތި އިންސާނުންގެ ކާނާގެ ނިޒާމުގެ ތެރެއަށް ވަންނަމުންދާ ކަމުގެ ކަންބޮޑުވުންވެސް އެކަމަނާ ހިއްސާކުރެއްވިއެވެ.

ރާއްޖޭގައި ކުނި މެނޭޖްކުރުމުގެ ދާއިރާއިން ޤާނޫނީ ގޮތުން ހޯދާފައިވާ ކުރިއެރުންތަކަށް އަލިއަޅުއްވާލައްވަމުން، މި އަހަރުގެ އޮގަސްޓް މަހު ކުނި މެނޭޖްކުރުމުގެ ޤާނޫނަށް ގެނެވުނު އިޞްލާޙުތައް މެޑަމް ސާޖިދާ ފާހަގަކުރެއްވިއެވެ. އެ އިޞްލާޙުތަކުގެ ދަށުން ޤަވާޢިދާ ޚިލާފަށް ރާއްޖެއަށް ކުނި އެތެރެކުރުން މަނާކޮށް، ނުރައްކާތެރި ކުނި ބޭރުކުރާ ފަރާތްތަކާ މެދު ބޮޑެތި އަދަބުތައް ކަނޑައެޅިފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، މޫސުމީ ބަދަލުތަކަށް ވިލުންތެރި ޤައުމެއް ބިނާކުރުމަށްޓަކައި ދަރިވަރުންނާއި ކުޑަކުދިން ބާރުވެރިކުރުވައިގެން މުޖުތަމަޢަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ މުހިންމުކަން ފާހަގަކުރައްވައި، ތިމާވެށީގެ މިފަދަ މައްސަލަތަކަށް ޙައްލު ހޯދުމަށް ބައިނަލްއަޤުވާމީ ފެންވަރުގައި އެންމެން އެކުގައި ގުޅިގެން މަސައްކަތްކުރުމަށް މެޑަމް ސާޖިދާ ވަނީ ގޮވާލައްވާފައެވެ.

މިއަދު އޮންލައިން