ކާކުކަން ދެނެނުގަނެވޭ ގޮތަށް ފޮރުވިގެން ތިބެ މީޑިއާތަކަށް އިންޒާރުދިނުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 32ސ
ކާކުކަން ދެނެނުގަނެވޭ ގޮތަށް ފޮރުވިގެން ތިބެ މީޑިއާތަކަށް އިންޒާރުދިނުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ކާކުކަން ދެނެނުގަނެވޭ ގޮތަށް ފޮރުވިގެން ތިބެ މީޑިއާތަކަށް އިންޒާރުދިނުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.

މިކަމާގުޅިގެން ރައީސް އޮފީހުން ބުނެފައިވަނީ މީސް މީޑިއާގައި އަދި ފޯނު މެދުވެރިކޮށް ކާކުކަން ދެނެނުގަނެވޭގޮތަށް ފޮރުވިގެން ތިބެ ރާއްޖޭގެ ބައެއް މީޑިއާތަކަށް ބަޔަކު އިންޒާރުދެމުންދާތީ، ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން މި ޢަމަލު ކުށްވެރިކުރާކަމަށާއި އަދި ދިވެހި މީޑިއާތަކާ ނޫސްވެރީންގެ ޙިމާޔަތުގައި ދިވެހި ސަރުކާރުން ފުރިހަމަ ސަމާލުކަމާއެކު މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ދިވެހި އެންމެހާ ރައްޔިތުންނަށާ މީޑިއާތަކަށް އަރުވާކަމަށެވެ.

ރައީސް އޮފީހުން ބުނެފައިވަނީ ފޮރުވިގެންތިބެ ނޫސްވެރީންނަށާ މީޑިއާތަކަށް އިންޒާރުދެމުންދާތީ އެކަމުގެ ތަޙްޤީޤް ދިވެހި ފުލުހުންގެ އިދާރާއިން މިހާރު ވަނީ ފަށާފައިކަމަށާއި އެކަން އެކުރާ ބަޔަކު ދެނެގަތުމަށް ފުލުހުންނަށް ލިބިފައިވާ ހުރިހާ ވަސީލަތަކާ ޤާބިލްކަމެއްގެ ބޭނުންކޮށްގެން މަސައްކަތްކުރަމުން ދާނެ ކަމަށެވެ.

އެއްވެސް މީޑިއާއަކަށް ނުވަތަ ނޫސްވެރިއަކަށް ބިރުދެއްކުމުގެ އެއްވެސް ޢަމަލެއް އެއްވެސް ފަރާތަކުން ހިންގަމުންދާނަމަ، ނުވަތަ އެފަދަ ކަމެއް ކުރަން އުޅޭކަމުގެ މަޢުލޫމާތެއް ލިބިވަޑައިގެންފައިވާ ނަމަވެސް ޤައުމީ މަޞްލަޙަތު އިސްކުރެއްވުމުގެ ޒިންމާ ކޮންމެ ދިވެހި ރައްޔިތަކުވެސް އަދާކުރައްވައި، އެކަން ފުލުހުންނަށް އަވަހަށް ރިޕޯޓްކުރެއްވުމަށް ރައީސް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

ނޫސްވެރީންގެ އަޑުއަހައި، މީޑިއާތަކުގެ މަސައްކަތް ކުރިއަރުވައި، ޒިންމާދާރުކަމާއެކު ޚަބަރާ މަޢުލޫމާތު ފެތުރުމަށް ފުރުޞަތު ދިނުމަކީ މި ސަރުކާރުން އަބަދުވެސް ނަގަހައްޓާނޭ ސިޔާސަތެއް ކަމަށާއި އަދި ނޫސްވެރިންނަށާ މީޑިއާތަކަށް ބިރުދައްކައި، ޤައުމުގެ އަމްނަށް ނުރައްކާވާނެގޮތަށް ކުރާ ކޮންމެކަމެއް ހުއްޓުވައި ދިވެހި މުޖްތަމަޢުގެ މަސަލަސްކަމާ ހަމަޖެހުން ހިފެހެއްޓުމުގައި ސަރުކާރުގެ ކަމާބެހޭ ހުރިހާ އިދާރާއަކުންވެސް ވަފާތެރިކަމާ އިޚްލާޞްތެރިކަމާއެކު ރެޔާދުވާލު މަސައްކަތްކުރަމުން ގެންދާނެކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

މިއަދު އޮންލައިން