ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ ޢާއިލާއަށް އެންމެ ރަނގަޅު މީހަކީ ޢާއިލާގެ މީހުންނަށް އެންމެ ގިނައިން ފައިސާދޭ މީހާ ކަމަށެވެ. ނަމަވެސް މިއީ މުޅިން ކުށްހީއެކެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި އެކަން އޮތް ގޮތް ތަފާތެވެ. އެހެނީ ޢާއިލާގެ މެދުގައި ޖެހިފައިވާ މައްސަލަތައް ޙައްލުކޮށް އެންމެން އެކުވެރިކުރަން މަސައްކަތްކުރާމީހާގެ ދަރަޖަ ﷲ ތައާލާގެ ޙަޟްރަތުގައި މާމަތިވެރިއެވެ.
ޢާއިލާގެ މީހުންގެ މެދުގައި ޖެހޭ މައްސަލަތައް ޙައްލުކުރުމަކީ ކުރަން އެހައި ފަސޭހަކަމެއް ނޫނެވެ. އެއީ ކުރަން ވަރަށް ދަތި އުނދަގޫ ކަމެކެވެ. އެހެނީ ގިނަ ފަހަރަށް ދެމީހުންކުރެ އެކަކުވެސް ގޮތްދޫކުރާކަށް ބޭނުމެއް ނޫނެވެ. ގޯސްހެދިގެން އުޅޭ މީހާއަށްވެސް ޤަބޫލުކުރެވޭނީ އެމީހާއަށް ކަންކަން ކުރެވެނީ ވަރަށް ރަނގަޅަށް ކަމަށެވެ. ގޯސްހަދައިގެން އުޅޭމީހަކީ އަނެކަކު ކަމަށެވެ.
މީހަކު އަޅުކަންކުރަން މިސްކިތުގައި ހޭދަކުރާ ވަޤުތާއި ޢާއިލީ މައްސަލަތައް ހޭދަކުރާ ވަޤުތާއި ކުރެން ފައިދާ ބޮޑުވާނީ ކޮންކަމެއްގައި ވަޤުތު ހޭދަކުރުންތޯ ސުވާލުކޮށްފިނަމަ އަހުރެން ބުނާނީ (ފަރުޟު ނަމާދުތައް ޖަމާޢަތުގައި ކުރުން ފިޔަވައި) ފައިދާ ބޮޑުވާނީ ޢާއިލީ މައްސަލަތައް ޙައްލުކުރަން ހޭދަކުރާ ވަޤުތުގެ ކަމަށެވެ. އެހެނީ އޭނާއެކުރާ މަސަކަތަކީ ކެނޑިގެން ގޮސްފައިވާ ނުވަތަ ކެނޑިގެންދާން އުޅޭ ރަޙިމުގެ ގުޅުން ކެނޑުމުގެ މައްސަލައަކަށް ޙައްލުހޯދުން ކަމުގައިވާތީއެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ރަމަޟާން މަހުގެ ބަރަކާތްތެރި، ރަޙުމަތުން ފުރިގެންވާ ދުވަސްތައް ފާއިތުވެގެންދާއިރު ޢާއިލާގެ ތެރޭގައި ޖެހިފައި ހުންނަ މައްސަލަތައް ޙަލުނުކޮށް ޢާއިލީ ގުޅުންތައް ބަދަހިނުކޮށް ތިބެން ހެޔޮނުވާނެއެވެ. ޢާއިލާގެ އެއްވެސް ދެމީހެއްގެ މެދުގައި މައްސަލައެއް ޖެހިފައިވާނަމަ އެއީ އެދެމީހުންގެ މައްސަލައެއް ކަމަށް ބަލައި އަޅާނުލައި ދޫކޮށްލައިގެން ތިބެން ހެޔޮނުވާނެއެވެ. އެއީ އެގޮތަށް ދޫކޮށްލަން ހެޔޮވާނެ މައްސަލައެއް ނޫނެވެ.
އެކަމަށް ކުރާ މަސައްކަތް ހިމެނިގެންދާނީ ހަމައެންމެ މަތިވެރި އަޅުކަމުގެ ތެރެއިންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން