ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ގޮތުން މުހިންމު 20 އެއްބަސްވުމެއްގައި ސޮއިކޮށް، އެއްބަސްވުންތައް ބަދަލުކޮށްފިއެވެ. ޕާކިސްތާނުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ބަދަލުކުރެވުނު މި އެއްބަސްވުންތަކުގެ ތެރޭގައި، ދެ ގައުމުން ގުޅިގެން މަސައްކަތްކުރާނެ އައު ދާއިރާތަކާއި މިހާރު އޮތް ގުޅުންތައް އިތުރަށް ހަރުދަނާކުރުމުގެ މުހިންމު ދާއިރާތައް ހިމެނެއެވެ.
ތަޢުލީމީ ދާއިރާއިން ބަދަލުކުރެވުނު ދެ އެއްބަސްވުމުގެ ދަށުން، ޓެކްނިކަލް އަދި ވޮކޭޝަނަލް ތަޢުލީމާއި ތަމްރީނު ކުރިއެރުވުމަށް ދެ ގައުމުން ގުޅިގެން މަސައްކަތްކުރުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން ރާއްޖޭގެ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓާއި ޕާކިސްތާނުގެ ހަޔަރ އެޑިއުކޭޝަން ކޮމިޝަނާ ދެމެދު ވަނީ މަތީ ތަޢުލީމުގެ ދާއިރާއިން އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއް ގާއިމުކޮށްފައެވެ. ސިއްޙީ ދާއިރާއިން ރާއްޖެއަށް ބޭނުންވާ ސިއްޙީ ޚިދުމަތްތެރިން ގެނައުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، ރާއްޖެއާއި ޕާކިސްތާނާ ދެމެދު ވައިގެ ދަތުރުފަތުރު ފުޅާކުރުމަށާއި ފަތުރުވެރިކަން ކުރިއެރުވުމަށްވެސް ވަނީ އެއްބަސްވެފައެވެ.
މީގެ އިތުރުން، އިންފޮމޭޝަން ޓެކްނޮލޮޖީ، ސައިބަސެކިއުރިޓީ، އާޓިފިޝަލް އިންޓެލިޖެންސް، އަދި ޑިޖިޓަލް ހުނަރުތައް ތަރައްގީކުރުމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް އެއްބަސްވުންތަކުގައި ސޮއިކުރެވުނެވެ. އަދި ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރު، ސަގާފަތާއި ތަރިކަ، ތިމާވެށި، ދަނޑުވެރިކަން، މަސްވެރިކަން އަދި އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުމުގެ އިތުރުން، ދިފާޢީ ދާއިރާއާއި މެރިޓައިމް ސެކިއުރިޓީ، އަދި ހިއުމަން ޓްރެފިކިންއާއި މަސްތުވާތަކެތި ނައްތާލުމަށް ގުޅިގެން މަސައްކަތްކުރުމަށްވެސް ދެ ސަރުކާރުގެ ދެމެދުގައި ވަނީ އެއްބަސްވެފައެވެ.
ސަރުކާރުގެ އިސް އިދާރާތަކުގެ އިތުރުން، ދެ ގައުމުގެ މުއައްސަސާތަކުގެ މެދުގައިވެސް މުހިންމު އެއްބަސްވުންތަކެއް ވަނީ ބަދަލުކޮށްފައެވެ. އެގޮތުން ސިއްޙީ ރައްކާތެރިކަމުގެ ދާއިރާއިން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އާއި ޕާކިސްތާނުގެ ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީއާ ދެމެދު ވަނީ އެއްބަސްވުމެއް ގާއިމުކޮށްފައެވެ. އަދި ސިވިލް ސަރވިސްގެ ދާއިރާއިން ރާއްޖޭގެ ސިވިލް ސަރވިސް ކޮމިޝަނާއި ޕާކިސްތާނުގެ ފެޑަރަލް ޕަބްލިކް ސަރވިސް ކޮމިޝަނާ ދެމެދު ދެ އެއްބަސްވުމެއް ބަދަލުކުރެވުނެވެ.
މީގެ އިތުރުން، ފުލުހުން ތަމްރީނުކުރުމުގެ ދާއިރާއިން ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގް އެންޑް ލޯ އެންފޯސްމަންޓާއި ޕާކިސްތާނުގެ ޕޮލިސް އެކެޑަމީއާ ދެމެދު އެއްބަސްވުމެއް ގާއިމުކުރެވުނުއިރު، ރާއްޖެއަށް ބޭނުންވާ ޒަރޫރީ މުދާ މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށްޓަކައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން އާއި ޓްރޭޑިންގ ކޯޕަރޭޝަން އޮފް ޕާކިސްތާން އާ ދެމެދުވެސް ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
މި އެއްބަސްވުންތަކުގެ ސަބަބުން ރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ޒަމާންވީ ތާރީޚީ ގުޅުން އިތުރު ހަރުފަތަކަށް ކުރިއަރައި، ދެ ގައުމުގެ ރައްޔިތުންނަށް އެކި ދާއިރާތަކުން އިގުތިސާދީ އަދި އިޖުތިމާޢީ ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.