ޕާކިސްތާނާއެކު ވެވުނު އެއްބަސްވުންތަކުން ރައްޔިތުންނަށް ބޮޑެތި މަންފާތަކެއް ލިބޭނެ: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 55ސ
ޕާކިސްތާނާއެކު ވެވުނު އެއްބަސްވުންތަކުން ރައްޔިތުންނަށް ބޮޑެތި މަންފާތަކެއް ލިބޭނެ: ރައީސް

ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ތާރީޚީ ގުޅުމަށް 60 އަހަރު ފުރެން ކައިރިވެފައިވަނިކޮށް، ދެ ޤައުމުގެ އިޤުތިސާދީ އަދި އިޖުތިމާއީ ގުޅުން އިތުރު އުސްމިންތަކަކަށް ގެންދިއުމަށްޓަކައި މުހިންމު 20 ދާއިރާއަކުން އެއްބަސްވުންތަކެއް ޤާއިމުކޮށްފިއެވެ.

ޕާކިސްތާނަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، އެ ޤައުމުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފާއެކު ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މިއީ ދެ ޤައުމުގެ ގުޅުމުގެ މުޅިން އައު ސަފުހާއެއް ހުޅުވިގެންދިޔަ މުހިންމު ދަނޑިވަޅެއް ކަމަށެވެ. އަދި ވެވުނު އެއްބަސްވުންތަކުގެ މައިގަނޑު މަޤުޞަދަކީ އެ ކަންކަން ޙަޤީޤަތަކަށް ހަދައި، ދެ ޤައުމުގެ ރައްޔިތުންނަށް އޭގެ ސީދާ ފައިދާއާއި މަންފާ ފޯރުކޮށްދިނުން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ދަތުރުފުޅުގެ ތެރެއިން އެންމެ ބޮޑު އިސްކަމެއް ދެވިފައިވާ އެއް ދާއިރާއަކީ ދެ ޤައުމުގެ ދެމެދުގައި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމެވެ. ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި، ރާއްޖެއާއި ޕާކިސްތާނާ ދެމެދު ސީދާ އުދުހުންތައް ފެށިގެން ދިއުމަކީ ވިޔަފާރިއާއި އިޤުތިސާދީ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމެކެވެ. ޚާއްޞަކޮށް، ރާއްޖޭގައި ފުޅާކުރަމުން އަންނަ "ހަލާލު ޓޫރިޒަމް" އަށް މީގެ ސަބަބުން ބޮޑު ދިރުމެއް ލިބި، ޕާކިސްތާނުގެ ފަތުރުވެރިން ރާއްޖެއަށް އައުމަށް އިތުރު ފުރުޞަތުތައް ފަހިވެގެންދާނެއެވެ.

މީގެ އިތުރުން ދެ ޤައުމުގެ ވިޔަފާރިވެރިންނާއި އިންވެސްޓަރުން ގުޅުވައިދިނުމުގެ ގޮތުން ޕާކިސްތާނުގައި "ބިޒްނަސް ފޯރަމް" އެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދެ ޤައުމުގެ ޒުވާނުންގެ ކުރިއެރުމަށް އަމާޒުކޮށްގެން، ޒަމާނީ ޓެކްނޮލޮޖީގެ ދާއިރާތަކުން ތަމްރީނާއި ފުރުޞަތުތައް ފަހިކޮށްދިނުމަށްވެސް ވަނީ މަޝްވަރާކުރައްވާފައެވެ. އެގޮތުން އާޓިފިޝަލް އިންޓެލިޖެންސް، ޑިޖިޓަލް ޓެކްނޮލޮޖީ، އައިސީޓީ އަދި އެހެނިހެން ފަންނީ ދާއިރާތައް ދާއިރާތަކުން ދިވެހި ޒުވާނުން ތަމްރީނުކުރުމަށް ޕާކިސްތާނުގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެއެވެ.

ރައީސް މުޢިއްޒު ވަނީ ޕާކިސްތާނުން ދެންނެވި ހޫނު މަރުޙަބާއަށް ޝުކުރު އަދާކުރައްވައި، އިސްލާމީ އަޚުވަންތަކަމާއި އެކުވެރިކަމުގެ މައްޗަށް ބިނާވެފައިވާ މި ތާރީޚީ ގުޅުން ކުރިއަށް އޮތް ތަނުގައި އިތުރު އުސްމިންތަކަކަށް ވާސިލުވާނެކަމުގެ ފުރިހަމަ ޔަޤީންކަން އޮތް ކަމަށް ވިދާޅުވެފައެވެ.

މިއަދު އޮންލައިން