ރާއްޖެއާއި ޕާކިސްތާނުގެ ވިޔަފާރި 200 މިލިޔަން ޑޮލަރަށް ބަދަލުކުރަން ނިންމައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 40ސ
ރާއްޖެއާއި ޕާކިސްތާނުގެ ވިޔަފާރި 200 މިލިޔަން ޑޮލަރަށް ބަދަލުކުރަން ނިންމައިފި

ރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް އިޤްތިޞާދީ ގުޅުން އާ އުސްމިންތަކަކަށް ގެންދިއުމުގެ ގޮތުން، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ދެ ޤައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ މުއާމަލާތްތައް 200 މިލިޔަން އެމެރިކާ ޑޮލަރަށް އިތުރުކުރެއްވުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް އަމާޒު ހިއްޕަވައިފިއެވެ.

މިކަން ހާމަކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޕާކިސްތާނަށް މިހާރު ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ދެ ބޭފުޅުން އެކުގައި ދެއްވި ގުޅިފައިވާ ބަޔާނުގައެވެ.

މިހާރު ދެ ޤައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ އެކްސްޗޭންޖަކީ އަހަރަކު އެންމެ 13.9 މިލިޔަން ޑޮލަރުކަން ފާހަގަކުރައްވަމުން، ބޮޑުވަޒީރު ޝެހެބާޒް ވިދާޅުވީ ދެ ޤައުމުގެ ދެމެދުގައި އޮތް ތާރީޚީ އަދި އެކުވެރި ގުޅުމާ އަޅާބަލާއިރު އިޤްތިޞާދީ ދާއިރާއިން އެކަން އެންމެ ފުރިހަމައަށް ސިފަވެގެން ނުދާ ކަމަށެވެ. އެހެންކަމުން ވިޔަފާރިއާއި އިޤްތިޞާދީ ގުޅުންތައް މިހާރަށްވުރެ ފުޅާކުރުމަކީ ނުހަނު މުހިންމު ކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައި ސޮއިކުރެވިފައިވާ 20 ފަހުމުނާމާ (އެމްއޯޔޫ) ތަންފީޒުކުރުމުގެ މަސައްކަތް އަވަސްކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވާނެކަމުގެ ޔަޤީންކަން ޕާކިސްތާނުގެ ބޮޑުވަޒީރު ދެއްވިއެވެ. މީގެ އިތުރުން ސަރަޙައްދީ އަދި ބައިނަލްއަޤުވާމީ މުހިންމު ކަންކަމާ މެދު މަޝްވަރާކުރެވުނުއިރު، ދިފާއީ، ތަޢުލީމީ އަދި ސިއްޙީ ދާއިރާއިން ދިވެހިން ތަމްރީނުކުރުމާއި، ރާއްޖެއަށް ބޭނުންވާ އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް ޕާކިސްތާނުން އޮތީ ތައްޔާރަށްކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރެވުނުތާ 60 އަހަރު ފުރެން ކައިރިވެފައިވާއިރު، ރައީސް ޑރ. މުޢިއްޒަށް މަރުޙަބާ ދެންނެވުމަކީ ޕާކިސްތާނަށް ލިބުނު ބޮޑު ފަޚުރެއްކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި ދެ ޤައުމުގެ އުޚުއްވަތްތެރި ގުޅުން އިތުރަށް ބަދަހިވެ، ބަދަލުވަމުންދާ ދުނިޔޭގައި އެކުއެކީގައި ކުރިއަށްދާނެކަމުގެ ފުރިހަމަ އިޢުތިމާދު އޮތްކަންވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.

މިއަދު އޮންލައިން