ރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން އިތުރު ހަރުފަތަކަށް ގެންގޮސް، އެކި ދާއިރާތަކުން އެއްބާރުލުން އިތުރަށް ހަރުދަނާކުރުމަށް ޕާކިސްތާނު ސަރުކާރުން ޚާއްޞަ އިސްކަމެއް ދޭނެކަމުގެ ޔަޤީންކަން އެ ޤައުމުގެ ބޮޑުވަޒީރުގެ ނައިބު އަދި ޚާރިޖީ ވަޒީރު މުޙައްމަދު އިސްޙާޤް ދަރް ދެއްވައިފިއެވެ. އެމަނިކުފާނު މި ޔަޤީންކަން ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް ކުރެއްވި އިޙުތިރާމުގެ ޒިޔާރަތުގައެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ރާއްޖެއާއި ޕާކިސްތާނާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ ތާރީޚީ މުނާސަބަތާ މި ދަތުރުފުޅު ދިމާވުމަކީ ލިބުނު ބޮޑު އުފަލެއްކަން ފާހަގަކުރައްވާފައެވެ. އަދި ޕާކިސްތާނުން އެމަނިކުފާނަށް އެރުވި ހޫނު މަރުޙަބާއަށް ޝުކުރު އަދާކުރައްވަމުން، ދެ ޤައުމު ހިއްސާކުރާ އިސްލާމީ އަޤީދާއަކީ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމުގައި މުހިންމު ބިންގަލެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރުގެ ނައިބު މުޙައްމަދު އިސްޙާޤް ދަރްގެ ވާހަކަފުޅުގައި، ރާއްޖެއާއެކު އޮތް ގުޅުމަށް އެ ޤައުމުން އަބަދުވެސް ބޮޑު އަހަންމިއްޔަތުކަމެއް ދޭކަން ފާހަގަކުރެއްވިއެވެ. އަދި މިއަދު ސޮއިކުރެވޭ ފަހުމުނާމާތަކަކީ (އެމް.އޯ.ޔޫ) ދެ ޤައުމުގެ މެދުގައި އޮތް ބަދަހި އެއްބާރުލުން އިތުރަށް ފުޅާވެ، ވަރުގަދަވެގެންދާނެ ކަމުގެ ހެއްކެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ޕާކިސްތާނުގެ ބޮޑުވަޒީރުގެ ނައިބު ވަނީ، ދެ ޤައުމުގެ ގުޅުން ބަދަހިކުރުމުގެ މުހިންމުކަން ފާހަގަކުރައްވާ ގުޅުން ބަދަހިކުރެވޭނެ ދައިރާތައް ފާހަގަކުރައްވާފައެވެ. މިގޮތުން ވިޔަފާރި އާއި އިންވެސްޓްމެންޓުގެ އިތުރުން ތަޢުލީމީ ދައިރާ އަދި މޫސުމީ ބަދަލުތަކާއި ދެކޮޅަށް މަސައްކަތް ކުރުމާއި ފަތުރުވެރިކަމުގެ ދައިރާއިން ގުޅުން ބަދަހިކުރުމުގެ ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.މީގެ އިތުރުން މި ދަތުރުފުޅުގައި ދިވެހި ވިޔަފާރިވެރިން ބައިވެރިވެވަޑައިގަންނަވާތީ އެކަމަށްވެސް ބޮޑުވަޒީރުގެ ނައިބު މަރުހަބާ ދެންނެވިއެވެ. އެގޮތުން ރާއްޖެ-ޕާކިސްތާން ބިޒްނަސް ފޯރަމުގެ ތެރެއިން ދެ ޤައުމުގެ ވިޔަފާރިވެރިން ގުޅުން ބަދަހިވެ އިތުރު ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޕާކިސްތާނަށް މިހާރު ކުރައްވަމުން ގެންދަވަނީ އެ ޤައުމުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފްގެ ދަޢުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ.