މިމަހުގެ 20ގެ ނިޔަލަށް 119 މަސްވެރިއަކަށް 15 މިލިޔަން ރުފިޔާގެ ލޯނު ދޫކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 29ސ
މިމަހުގެ 20ގެ ނިޔަލަށް 119 މަސްވެރިއަކަށް 15 މިލިޔަން ރުފިޔާގެ ލޯނު ދޫކޮށްފި

މަސްވެރިންނަށް ލުއި ގޮތްތަކެއް މެދުވެރިކޮށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން، މި ހިނގާ އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް 119 މަސްވެރިއަކަށް 15 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.

ސަރުކާރުން އެކުލަވާލާފައިވާ "މަސްވެރިންގެ ޤައުމީ ދަފްތަރު" ގެ ސަބަބުން، މަސްވެރިންނަކީ ދައުލަތް ރަސްމީކޮށް ދަންނަ ބަޔަކަށް ވެގެންގޮސްފައިވާއިރު، މި ނިޒާމުގެ ތެރެއިން ބޭންކުތަކާއި މާލީ އިދާރާތަކުން މަސްވެރިންނަށް ފަސޭހަކަމާއެކު ފައިނޭންސިންގ ހޯދުމުގެ މަގު ވަނީ ފަހިވެފައެވެ.

އެ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ ގުޅިގެން މިދިޔަ އަހަރުގެ އޭޕްރީލް މަހު ޤާއިމުކުރެވުނު އެއްބަސްވުމެއްގެ ދަށުން، ހަމަ އެ އަހަރުގެ މޭއި މަހުން ފެށިގެން ދަނީ މަސްވެރިންނަށް މި ލޯނުތައް ދޫކުރަމުންނެވެ. މި މަސައްކަތުގެ ދަށުން މިހާތަނަށް ޖުމްލަ 119 ފަރާތަކަށް ލޯނު ދޫކުރެވިފައިވާ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

މި ލޯނުތަކަށް އެދި ހުށަހެޅުމުގެ އިންތިޒާމު ހަމަޖައްސާފައިވަނީ ޚާއްޞަކޮށް އެކަމަށް ފަރުމާކޮށްފައިވާ "މަސްވެރިޔާ ޕޯޓަލް" މެދުވެރިކޮށެވެ. ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ޝަރުތުހަމަވާ މަސްވެރިންނަށް މި ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ފަސޭހަކަމާއެކު ލޯނަށް އެދުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

މީގެއިތުރުން، މި ޕޯޓަލް މެދުވެރިކޮށް އިސްލާމިކް ފައިނޭންސްގެ ގިނަ ސްކީމްތަކަކަށް ކުރިމަތިލުމުގެ ފުރުޞަތު މަސްވެރިންނަށް ލިބިގެންދާނެއެވެ.

މިފަދަ ނިޒާމެއްގެ ސަބަބުން މަސްވެރިންނަށް ދިމާވަމުންދިޔަ މާލީ ދަތިތަކަށް ބޮޑު ލުޔެއް ލިބި، ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ތަރައްޤީވެ ކުރިއެރުމަށް މަގުފަހިވެގެންދާނެ ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ.

މިއަދު އޮންލައިން