މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަޙްމަދު މުނައްވަރު، ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) ގެ ގަވަރުނަރު ސަންޖޭ މަލްހޯތުރާއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުން ބާއްވާފައިވަނީ އިންޑިއާގެ ނިއުދިއްލީގައި، އާރްބީއައި އިން އިންތިޒާމުކޮށްގެން މަރުކަޒީ ބޭންކުތަކަށް ބޭއްވި ބައިނަލްއަޤްވާމީ ސެމިނާރ "ސަމްވާދް 2026" ގެ ހަވާސާގައެވެ.
އެމްއެމްއޭ އިން މަޢުލޫމާތު ދެއްވި ގޮތުގައި، މި ބައްދަލުވުމުގައި ގަވަރުނަރު މުނައްވަރު ވަނީ 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީގެ ފުރަތަމަ ރޯލްއޯވަރ ހަމަޖައްސައިދިނުމާ ގުޅިގެން އާރްބީއައި އަށް ޝުކުރު އަދާކުރައްވާފައެވެ.
މީގެ އިތުރުން، އިންޑިއާގެ ޔޫޕީއައި އާއި ރާއްޖޭގެ ފަވަރަ ނިޒާމު ގުޅާލުމުގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ އެންމެ ފަހުގެ މަޢުލޫމާތު ގަވަރުނަރު ހިއްސާކުރެއްވިއެވެ. އަދި 2027 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ތަޢާރަފުކުރުމަށް ހަމަޖެހިފައިވާ ޕާސަން-ޓު-މާޗަންޓް (ޕީ2އެމް) ކަނެކްޝަނާ ގުޅޭގޮތުން ދެ ބޭންކުގެ ދެމެދުގައި އިތުރަށް އެއްބާރުލުން ދިނުމާ މެދު ވެސް މަޝްވަރާކުރެވުނެވެ. މި ޚިދުމަތުގެ ސަބަބުން ފަތުރުވެރިންނަށް ފަސޭހަކަމާއެކު ފައިސާ ދެއްކުމުގެ މަގުފަހިވެ، ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އެމްއެމްއޭ އިން ފާހަގަކުރެއެވެ.
މި ބައްދަލުވުމުގައި ދެ ޤައުމުގެ މަރުކަޒީ ބޭންކުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމުގެ ފުރުޞަތުތަކާ ގުޅޭގޮތުން ވެސް ދެ ބޭފުޅުން ވަނީ ޚިޔާލު ބަދަލުކުރައްވާފައެވެ.
މި ދަތުރުފުޅުގައި ގަވަރުނަރު މުނައްވަރުގެ އަރިހުގައި އެމްއެމްއޭގެ މަނިޓަރީ ޕޮލިސީ، އިކޮނޮމިކްސް އެންޑް ސްޓެޓިސްޓިކްސްގެ މެނޭޖިންގ ޑިރެކްޓަރ މަރްޔަމް ރަޝްފާ އަދި ލައިސެންސިންގ ސެކްޝަންގެ ޑެޕިއުޓީ މެނޭޖަރ ޢަބްދުﷲ ނާސިފް ބައިވެރިވެވަޑައިގެންނެވިއެވެ.